ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ފެންނާނެ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ކެބިނެޓުގެ ނިންމުންތައް ދުވަހުން ދުވަހަށް މިހާރު ފެންނަ ވަކި ނިޒާމެއް ނެތް ކަމަށެވެ. އެހެންކަމުން އެކަމަށް ހާއްސަ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވި އެވެ.

އަދި ސަރުކާރުގެ ހުރިހާ އޮފީސްތަކުންނާއި ކުންފުނިތަކުން ހިންގާ ހުރިހާކަމެއް، ފޮޓޯ އަދި ވީޑިއޯވެސް ހިމެނޭހެން ހުރިހާ މައުލޫމާތުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާކަމުގަ އެވެ. އަދި މި އިންތިޒާމުތައް އެކުލެވިގެން ތައްޔާރުކުރައްވާ ވެބްސައިޓް މި މަސް ނިމޭހާތާނގައި ރައްޔިތުންނަށް ފެންނާނެވަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި ހީނާ ވަލީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަހީދު މައުލޫމާތު ދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

"ކުޑަ ދުވަސްކޮޅެއްގެ ތެރޭ ލައިވް ކުރާނަން ރައީސް އޮފީހުގެ ވެބްސައިޓާ ލިންކު ކުރެވޭ ގޮތަށް ކެބިނެޓުގެ ނިންމުންތައް، ރައީސް މުއިއްޒުގެ ވެރިކަމުގެ ކޮންމެ ކެބިނެޓު ބައްދަލުވުމެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް އެ ނިންމުންތަކާ ބެހޭ މައުލޫމާތާ އެކު،" ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ސުވާލާ ޖަވާބު ޕްރޮގްރާމް މިހާތަނަށް ގެނެސްދެއްވަމުން އައި ގޮތުގެ މައްޗަށް ބައްލަވާލައްވައި ހީނާ ވިދާޅުވީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ގިނަ ރައްޔިތުންނަށް ފުރުސަތު ފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ގާާއިމުކުރުމުގެ މަސައްކަތް ކުރައްވާކަމަށެވެ.

"ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށް ހޯދައިދިނުމުގެ ގޮތުންނާއި އަދި ހަމައެއާ އެކު ވީހާ ވެސް ގިނަ ފަރާތްތަަކަށް ރައީސް އާ ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މިހާރު މި މަސައްކަތް ކުރަނީ ސުވާލުތައް ވެސް ވީޑިއޯ މެދުވެރިކޮށް ވެސް ރައީސް އޮފީހަށް، ކޮންމެ ބޭފުޅަކަށް ވެސް ފޮނުވޭނެ ނިޒާމެއް ގާއިމް ކުރުމަށް،" ހީނާ ވިދާޅުވި އެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމުގައި އެންމެ ފަހުން ރައްޔިތެއްގެ ސުވާލަކަށް ރައީސް ޖަވާބު ދެއްވީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު އެވެ.

މީގެ އިތުރުން ހީނާ ވަނީ ސަރުކާރުގެ ވަޒީރުން މި މަހު ކުރައްވަން ހުރި ދަތުރުފުޅުތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. އަދި މި ދަތުރުތަކުގެ މަންޒިލްތައްވެސް ހިއްސާކުރައްވައި، މި ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތުތައް އެ މިނިސްޓްރީތަކުން ލިބިވަޑައިގަންނަވާނެކަމަށް ހީނާ ވިދާޅުވި އެވެ.