މާލެ އަތޮޅު މާފުށިން އަލަށް ހިއްކި ބިމުން ބީލަމުގެ އުސޫލުން ހަ ބިމެއް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ އަށް ވިއްކާލައިފި އެވެ.
މާލެ ފިޔަވައި ރާއްޖޭގައި ބިމުގެ އަގު އެންމެ ބޮޑު ރަށުގެ ކައުންސިލުން ބުނީ ގާތްގަނޑަކަށް 2000 އަކަ ފޫޓުގެ ހަ ބިމެއް ބީލަމަށް ލުމުން އެ ބިންތައް ގަންނަން ކުރިމަތީލީ ވެސް ހަ ފަރާތަކުން ކަމަށެވެ. މާފުށީގެ ބީޗް ފްރަންޓުން ކޮންމެ ބިމެއް ވެސް އެވްރެޖްކޮށް ގަނެފައި ވަނީ އަކަ ފޫޓެއް ގާތްގަނޑަކަށް 2000ރ. އަށް ވުރެ މަތީގެ ރޭޓުންނެވެ. ބީލަން ކާމިޔާކުރާ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި މާފުށީ ކައުންސިލަށް ބައި ލައްކަ ރުފިޔާގެ އެޑްވާންސެއް ދައްކަން ޖެހެ އެވެ.
އެނގިފައިވާ ގޮތުގައި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މާފުށިން ވަނީ މާލޭގެ މަހުޖަނުންގެ އިތުރުން މާފުށީގެ ވިޔަފާރިވެރިއަކު ވެސް ބިން ގަނެފަ އެވެ. އެނގިފައިވާ މިއީ ރާއްޖޭގެ ރަށަކުން މިހާ ބޮޑު އަގުގައި ބިން ގަތް ފުރަތަމަ ފަހަރެވެ.
މާފުށީގެ ބިމަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްފައި ވަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގަ އެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަސައްކަތްކޮށްފައި ވަނީ 118 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގައި ގެސްޓް ހައުސްގެ ހަބަކަށް މާފުށި ބަދަލުވެފައި ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އެ ރަށުގައި ތައާރަފްކުރި ޓޫރިޒަމްގެ މި ވިޔަފާރީގެ ސަބަބުންނެވެ. އާބާދީގައި ދެ ހާސް މީހުން ވެސް ހަމަނުވާ މާފުއްޓަށް ގެސްޓް ހައުސްގެ ވިޔަފާރިން މިހާރު އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) ލިބެ އެވެ. މާފުށީގައި 1،800 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު އޮޕަރޭޓް ކުރެ އެވެ.