"އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އާއި "ކޭސަރީ" ފަދަ ފިލްމުތަކުން ފެނިގެންދިޔަ ސަންދީޕް ނަހާރް އަމިއްލައަށް ދަންޖެހިގެން މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޯމަ ދުވަހު އެވެ. އަންހެނުންނާއި ރައްޓެހިންވެގެން ގުރްގާއޫންގައި ހުންނަ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ސަންދީޕް އޮތީ މަރުވެފަ އެވެ.

އަމިއްލަ އަށް މަރުވުމުގެ ކުރިން ސަންދީޕް ވަނީ އޭނާގެ ފޭސްބުކްގައި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެގޮތުން ކައިވެނީގައި މައްސަލަ ޖެހިފައިވާ ކަމަށާއި އޭނާގެ އަންހެނުން ކަންޗަން އާއި މައިދައިތަ އޭނާއަށް ފުރައްސާރަކުރަމުންދާ ކަމަށް އެ ވީޑިއޯގައި އޭނާ ބުނެފައިވެ އެވެ.

ވީޑިއޯއާއެކު ލިޔެފައިވާ ދިގު ކެޕްޝަންގައި އޭނާ ލިޔެފައިވަނީ އަމިއްލަ އަށް މަރުވާން ނިންމީ އޭނާގެ އަންހެނުންގެ އުޅުމަށް އަންނަން ފެށި ބަދަލުތަކުގެ ސަބަބުންނެވެ. ނަމަވެސް އޭނާގެ ހާލަތާ މެދު އަންހެނުން ޒިންމާދާރުކުރުވަން ބޭނުންނުވާ ކަމަށް ބުނެފައިވެ އެވެ.

ސަންދީޕް އިތުރަށް ބުނެފައިވާ ގޮތުގައި މިދުނިޔޭގައި އޭނާއަށް އެއްވެސް ހިތްހަމަޖެހުމެއް ނެތް ކަމަށާއި އަދި އޭނާއަށް ނަފްސާނީ މައްސަލަތައް ދިމާވެފައިވަނީ އަންހެނުންނާއި މައިދައިތަގެ ސަބަބުންނެވެ. އަދި މީގެ ކުރިން އަމިއްލައަށް މަރުވާނެ ކަމަށް ބުނެ އަންހެނުން ބިރުދައްކާ ކަމަށް ވެސް ސަންދީޕް ބުނެފައިވެ އެވެ.

މި ވީޑިއޯއާއެކު މުމްބާއީގެ ޕޮލިހުން އަވަހަށް އޭނާ ޓްރޭސް ކުރުމުގެ މަސައްކަތް ފެށި އެވެ. އެހެން ނަމަވެސް ޕޮލިހުންނަށް ދެވުނުއިރު އޭނާ މަރުވެއްޖެ އެވެ.

މިހާރު ރިޕޯޓުތައް ބުނާގޮތުން އަމިއްލަ އަށް މަރުވުން ފަދަ އަމަލެއް ހިންގުމަށް މީހަކަށް ހިތްވަރުދިނުމުގެ ތުހުމަތު، ސަންދީޕްގެ އަންހެނުންނާއި މައިދައިތައަށް ވަނީ ކުރެވިފަ އެވެ. އަދި މިހާރު މި މައްސަލަ ވަނީ ފުލުހަށްވެސް ހުށައަޅާފަ އެވެ.

މިހާތަނަށް ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ސަންދީޕްގެ އަންހެނުން، މައިދައިތަ، ބައްޕަ އަދި ބޭބެގެ ބަޔާން ނަގާފަ އެވެ.

ސަންދީޕް ނަހަރް ވަނީ ސުޝާންތު ސިންގު ރާޖްޕުޓް ލީޑުރޯލުން ފެނިގެން ދިޔަ "އެމްއެސް ދޯނީ" އަދި އަކްޝޭ ކުމާރު ލީޑުން ފެނިގެން ދިޔަ "ކޭސަރީ" ގައި މަސައްކަތްކޮށްފަ އެވެ.