މާލެ ކައިރީގައި އޮންނަ ފޭދޫފިނޮޅުގައި ހަދާ ރިސޯޓު ހިންގަން ތައިލެންޑް އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ދުސިތު އިންޓަނޭޝަނަލް އާ ހަވާލުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ފަސް މިނެޓުން ދެވޭ ހިސާބުގައި ރިސޯޓު ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހުޅުވަން ނިންމާފައި ވަނީ މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގަ އެވެ.
ކުރިން ސްކޫލް ކުދިން ކެމްޕް ދިއުމަށް ބޭނުންކުރި ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަނީ ޗައިނާ އިންވެސްޓަރަކު ހިއްސާވާ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން 125 އެނދުގެ އެ ރިސޯޓު ހިންގާނީ ދުސިތު އިންޓަނޭޝަނަލް ހިއްސާވާ ކުންފުންޏެއް ކަމަށްވާ ދުސިތު ހޮޓެލްސް އެންޑް ރިސޯޓުންނެވެ.
މިހާރު ހަދަމުން އަންނަ މި ރިސޯޓު ހިންގާނީ ދުސިތުގެ އަޕްސްކޭލް ޑުސިޓްޑީ2 ބްރޭންޑްގެ ދަށުން، "ދުސިތުޑީ2 ފޭދޫ މޯލްޑިވްސް" ގެ ނަމުގަ އެވެ. މިއީ އެ ކުންފުނީގެ ފުރަތަމަ "އޯލް އިންކްލޫސިވް" ރިސޯޓެވެ. ލައިފްސްޓައިލް ރިސޯޓެއްގައި ތަރައްގީކުރާ ރަށުގައި 77-319 އަކަ މީޓަރުގެ ޖާގަ ތަނަވަސް އޯވާވޯޓާ ވިލާތަކާއި ފެމިލީ ސުއިޓްތަކުގެ ކިޑްސް ކްލަބަކާއި ގިނަ ފުޑް އެންޑް ބެވަރޭޖް އައުޓްލެޓްތަކާއި ވަރަށް ފުރިހަމަ ޖިމެއްގެ އިތުރުން ތައިލޭންޑްގެ މަސާޖް ތެރަޕީތަކާއި ބިއުޓީ ޓްރީޓްމަންޓްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ ސިގްނޭޗާ "ނަމް ސްޕާ"އެއް ހުންނާނެ އެވެ.
އެ ރިސޯޓުގައި ގެސްޓުންނަށް އަރާމު ކޮށްލަން މައިގަނޑު ޕްރައިވެޓް ތިން ބީޗެއް ހާއްސަކުރެ އެވެ. އޭގެ އިތުރުން ކުޑަ "ޕިކްނިކް ބީޗް" އެއް ވެސް ހަދަން ނިންމާފައިވެ އެވެ.
އެ ރިސޯޓުގައި އެންޓަޓެއިންމަންޓް ހަބަކާއި ކުދި ކޮންވެންޝަން ސެންޓަރެއް ހުޅުވުމަށް ވެސް އެ ރިސޯޓުގެ ޑިވެލޮޕަރުން ވަނީ ނިންމާފަ އެވެ.
ދުސިތުޑީ2 ފޭދޫ މޯލްޑިވްސް ވެގެންދާނީ ދުސިތުން ރާއްޖޭގައި ހިންގާ ދެވަނަ ރިސޯޓަށެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ ފުރަތަމަ ޔުނެސްކޯ ވޯލްޑް ބަޔޮސްފިއާ ރިޒާވް ކަމަށްވާ ބ. އަތޮޅު މުއްދޫގައި ދުސިތު ތާނީ މޯލްޑިވްސްގެ ނަމުގައި ލަގްޒަރީ ރިސޯޓެއް ހިންގަމުންނެވެ.