އިސްލާމީ މުޖުތަމަޢަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ކުލުނުވެރިކަމާއި އޯގާތެރިކަމުގެ މުޖުތަމަޢެކެވެ. މާތްﷲ މުސްލިމުން ލައްވައިފައިވަނީ ވެސް އަޚުންގެ ގޮތުގައެވެ. އީމާންކަމުގެ ގުޅުމުން ގުޅިފައިވާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން، މި އީމާންކަމުގެ ގުޅުމާއި އެކުވެރިކަމާއި ކުލުނުވެރިކަމުގެ ގުޅުން ވަރުގަދަވާނެ އެތަކެއް ކަމެއް އެ އިލާހު ވަނީ މުސްލިމުންގެ މައްޗަށް ޝަރުޢުކުރައްވައިފައެވެ. އެގޮތުން މައިންބަފައިންނަށް ކޮޅުނެތްކޮޅަށް އިޙްސާންތެރިވުމާއި، ޔަތީމުންނަށް އޯގާތެރިވެ އެ ކުދީންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި، އެ ކުދީންނަށް ކަފާލަތު ދިނުމާއި، މުސްލިމުންގެ މެދުގައި އޮންނާންޖެހޭ އުޚުއްވަތްތެރިކަން ދެމެހެއްޓުމާއި، އަވަށްޓެރީންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުން ފަދަ އެތައް ކަމެއް ލައްވަވައިފައިވެއެވެ.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުން ރިވާވެފައިވާ ޙަދީޘެއް، އިމާމު މުސްލިމް، އެކަލޭގެފާނުގެ ޞަޙީޙް މުސްލިމްގައި ރިވާކުރައްވައިފައިވެއެވެ.
قال رسول الله صلى الله عليه وسلم: (إن الله خلق الخلق، حتى إذا فرغ منهم قامت الرحم فقالت: هذا مقام العائذ بك من القطيعة. قال: نعم! أما يرضيك أن أصل من وصلك وأقطع من قطعك؟! قالت: بلى. قال: فذاك لك).
މާނައީ: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވިއެވެ. ހަމަކަށަވަރުން މާތް ﷲ ޚަލްޤުތައް ޚަލްޤުކުރައްވައި ނިންމެވުމާއެކު، ރަޙިމު ތެދުވެ ދެންނެވިއެވެ. ތިމަންނަ މިހުރީ ރަޙިމުގެ ގުޅުން ކެނޑުމުގެ ނުބައިކަމުން ރައްކައުތެރިކަން ހޯދާ ފަރާތެއްގެ މަޤާމުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. އާނއެކެވެ. ތިބާއާ ގުޅުން ދަމަހައްޓާ މީހަކާ ތިމަން އިލާހު ގުޅުން ދެމެހެއްޓުމަށާއި، ތިބާއާ ގުޅުން ކަނޑާ ފަރާތަކާ ތިމަން އިލާހު ގުޅުން ކަނޑައިލެއްވުމަށް ތިބާ ރުހެމުހެއްޔެވެ؟ ރަޙިމު ދެންނެވިއެވެ. އާދޭހެވެ! މާތްﷲ ވަޙީކުރެއްވިއެވެ. ފަހެ، އެ ކަން އެހެންވިއްޔާ ތިބާއަށް ދެއްވަމެވެ.
އާދޭހެވެ! ރަޙިމުގެ ގުޅުމުން ގުޅިފައިވާ މީހުންނަކީ ނަސަބުގެ ގޮތުން ގާތްތިމާގެ މީހުންނާއި، ކައިވެނީގެ ސަބަބުން ގާތްތިމާގެ މީހުންނެވެ. އެއީ އެ މީހެއްގެ ބައްޕައާއި މަންމަގެ ފަރާތުން ގާތްތިމާގެ މީހުންނާއި ނަސަބުގެ ގޮތުން ގާތްތިމާގެ މީހުންނެވެ. މިބައިމީހުންނަށް އަޅުގަނޑުމެން އަދާކުރާންޖެހޭ ޙައްޤުތަކާއި، ވާންޖެހޭ އޯގާތެރިކަމާއި، އިޙްސާންތެރިކަމާއި، ދަމަހައްޓާންޖެހޭ ގުޅުން، އެހެން އިންސާނުންނަށް އަދާކުރާންޖެހޭ ޙައްޤުތަކަށްވުރެ އެތައް ގުނައެއް މާތްﷲ ވަނީ އިތުރުކުރައްވައިފައެވެ.
ރަޙިމުގެ ގުޅުމާ ބެހޭގޮތުން ޤުރްއާނުގައިވާ ބައެއް އާޔަތްތައް:
އިސްރާ ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ. وَآتِ ذَا الْقُرْبَىٰ حَقَّهُ... "ގާތްތިމާގެ މީހާއަށް، އޭނާގެ ޙައްޤު ދޭށެވެ!..." އަދިވެސް މި އަމުރުފުޅު އިތުރަށް ތަކުރާކުރައްވައި ރޫމު ސޫރަތުގެ 38 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ. فَآتِ ذَا الْقُرْبَىٰ حَقَّهُ... "ފަހެ، ތިމާގެ މީހާއަށް އޭނާގެ ޙައްޤު ދޭށެވެ!...". ހަމަ އެހެންމެ، ނިސާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ... " ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތާށެވެ..." އަދިވެސް ނިސާ ސޫރަތުގެ ފުރަތަމަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ. ... وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا ... "... އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ!..."
ޞަޙާބީބޭކަލުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ޞަދަޤާތާއި ނަފަޤާތާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އޭގެ ޖަވާބެއްގެ ގޮތުން މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ އެ ކަމުގައި ވެސް އެންމެ ފުރަތަމަ މައިންބަފައިންނާއި ގާތްތިމާގެ މީހުން އިސްކުރުމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. يَسْأَلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَا أَنفَقْتُم مِّنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ [سورة البقرة: 215] މާނައީ: " މީސްތަކުން، އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން، اللَّه މޮޅަށް ދެނެވޮޑިގެންވެއެވެ."
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އެންމެ ބޮޑު ވާޖިބުތަކުގެ ތެރެއިން ވާޖިބެއް ކަމުގައި މާތްﷲ ވަނީ ހުރިހާ އުންމަތެއްގެ މީހުންގެ މައްޗަށް ވެސް ޝަރުޢުކުރައްވައިފައެވެ. އެ ގޮތުން އެ އިލާހު ވަޙީކުރައްވައިފައިވެއެވެ. {وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ }[البقرة:83] މާނައީ:" އިސްރާއީލުގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ ޙާލު، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (ޢަހްދު ފުއްދުމަށް) ފުރަގަސްދިނީއެވެ."
ސުންނަތުގައި ރަޙިމުގެ ގުޅުމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް:
އިސްވެ އެ ދިޔައީ ޤުރްއާނުގައި ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުމާ ބެހޭ ގޮތުން މާތްﷲ ވަޙީކުރައްވައިފައިވާ ބައެއް އާޔަތްތަކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ވެސް އެކަލޭގެފާނު ވަނީ ޢަމަލީގޮތުން ވެސް މާތްﷲ ގެ މި އަމުރުފުޅު އެންމެ މަތީ ދަރަޖައަށް ތަންފީޒުކުރައްވައިފައެވެ. ހަމަ އެޔާއެކު، އަޞްޙާބު ބޭކަލުންނަށް އެ ކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އިރުޝާދު ދެއްވައިފައިވެއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ޝިޢާރަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ޝިޢާރެވެ. އިސްލާމްދީނުގެ ރިސާލަތުގެ ތެރެއިން އެންމެ މަތިވެރި އެއް ރިސާލަތެވެ. މައްކީ ދައުރުގައި ވެސް އެންމެ ބޮޑަށް އެކަލޭގެފާނު ގޮވައިލެއްވި އެއް ކަމަކީ ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމެވެ. ޞަޙީޙް ބުޚާރީއާއި ޞަޙީޙް މުސްލިމްގައި ރިވާވެފައިވާ، ބައިޒަންޠީން ރަސްކަލުން ހިރަގަލްއާއި އަބޫ ސުފްޔާނާ ދެމެދުގައި ހިނގައި ދިޔަ ވާހަކައިގައި ވެސް މިކަން ބަޔާންވެފައިވެއެވެ. ހިރްގަލް، އަބޫ ސުފްޔާނާ ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުން ގާތުގައި މުޙައްމަދު(ގެފާނު) ވިދާޅުވަނީ ކީކޭތޯއެވެ؟ އަބޫ ސުފްޔާނު އެ ސުވާލުގެ ޖަވާބުގައި ވިދާޅުވިއެވެ. يَقُولُ: اِعْبُدُوا اللهَ وَحْدَهُ وَلَا تُشْرِكُوا بِهِ شَيْئًا. وَيَأْمُرُنَا بِالصَّلَاةِ وَالصَّدَقَةِ وَالْعَفَافِ وَالصِّلَةِ" އެކަލޭގެފާނު ގޮވައިލައްވަނީ، މާތްﷲ އެއްކައުވަންތަކުރާ ޙާލު އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެ އިލާހާ އެއްވެސް އެއްޗަކާ ބައިވެރި ނުކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޞަދަޤާތް ދިނުމަށާއި، ޢިއްފަތްތެރިވުމުށާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމަށެވެ."
ޢަމްރު ބުނު ޢަބްސާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘެއް، ޙާކިމު އިމާމު، އެކަލޭގެފާނުގެ ޙަދީޘް ޖަމާކުރެއްވި ފޮތް މުސްދަތްރަކުގައި ރިވާކުރައްވައިފައިވެއެވެ.
يقول عمرو بن عبسة رضي الله عنه: (قدمت مكة أول بعثة النبي صلى الله عليه وسلم، فدخلت عليه فقلت: ما أنت؟ قال: نبي. قلت: وما نبي؟ قال: أرسلني الله. قلت: بم أرسلك؟ قال: بصلة الأرحام وكسر الأوثان وأن يوحد الله)[رواه الحاكم].
މާނައީ: "ޢަމްރު ބުނު ޢަބްސާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. " ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބީކަމުގެ ކުރީކޮޅު އަހުރެން މައްކާއަށް ކުރެއްވި ދަތުރުފުޅެއްއްގައި އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ސުވާލުކުރެއްވީމެވެ. ކަލޭގެފާނަކީ ކޮންބޭފުޅަކީމުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ނަބީއެކެވެ. އަހުރެން ދެންނެވީމެވެ. ނަބީއަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވީ މާތް ﷲ އެވެ. އަހުރެން ދެންނެވީމެވެ. ކަލޭގެފާނު ފޮނުއްވީ ކޮންކަމަކާއިގެންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓެވުމަށާއި، ބުދުތައް މުގުރައިލެއްވުމަށާއި، މާތްﷲ އެއްކައުވަންތަކުރެއްވުމަށެވެ."
ރަޙިމުގެ ގުޅުމުގެ މުހިންމުކަން، މައްކީ ދައުރުގެ އެންމެ ކުރީކޮޅު ބަޔާންކުރެއްވި ފަދައިން، މަދަނީ ދައުރުގެ އެންމެ ކުރީކޮޅުގައި ވެސް، ރަޙިމުގެ ގުޅުން ދެމެހެއްޓުމަށާއި އެ ކަމުގެ މުހިންމުކަމަށް ބާރުއަޅުއްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން އިރުޝާދު ދެއްވައިފައެވެ.
فعن عبد الله بن سلام قال: (لمَّا قدمَ النَّبيُّ صلَّى اللَّهُ علَيهِ وسلَّمَ المدينةَ، انجَفلَ النَّاسُ قبلَهُ، وقيلَ: قد قدمَ رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ، قد قدمَ رسولُ اللَّهِ، قد قدمَ رسولُ اللَّهِ ثلاثًا، فَجِئْتُ في النَّاسِ، لأنظرَ، فلمَّا تبيَّنتُ وجهَهُ، عرفتُ أنَّ وجهَهُ ليسَ بوَجهِ كذَّابٍ، فَكانَ أوَّلُ شيءٍ سَمِعْتُهُ تَكَلَّمَ بِهِ، أن قالَ: (يا أيُّها النَّاسُ أفشوا السَّلامَ، وأطعِموا الطَّعامَ، وصِلوا الأرحامَ، وصلُّوا باللَّيلِ، والنَّاسُ نيامٌ، تدخلوا الجنَّةَ بسَلامٍ)[صحيح ابن ماجة والترمذي].
ޢަބްދުﷲ ބުނު ސައްލާމް ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ވަޑައިގެންނެވި ހިނދު މީސްތަކުން އަވަސްއަވަހަށް އެކަލޭގެފާނުގެ އަރިހަށް، މާތް ނަބިއްޔާ ވަޑައިގެންފިއޭ، މާތް ނަބިއްޔާ ވަޑައިގެންފިއޭ، މާތް ނަބިއްޔާ ވަޑައިގެންފިއޭ ކިޔަމުން ދިޔައެވެ. ދެން އަހުރެން ވެސް މީސްތަކުން ޖަމާވެފައި ތިބި ތަނަށް ވަޑައިގަތީމުއެވެ. ކަން ބައްލަވައިލެއްވުމަށެވެ. އެހެނަސް ނަބިއްޔާގެ މޫނުފުޅު ފެނިވަޑައިގެންފައި އެއީ އެކަލޭގެފާނުކަން އެނގިވަޑައިގެންނެވި ހިސާބުން އެއީ ދޮގުވެރިއެއްގެ މޫނު ނޫންކަން ތިމަންކަލޭގެފާނަށް ކަށަވަރުވެވަޑައިގަތެވެ. ފަހެ، އެންމެ ފުރަތަމަވެސް އެކަލޭގެފާނުގެ ދޫފުޅުން ތިމަންކަލޭގެފާނަށް އިވިވަޑައިގެންނެވި ބަސްފުޅުތަކަކީ "އޭ މީސްތަކުންނޭވެ! ސަލާމް ފަތުރާށެވެ. މީސްތަކުންނަށް ކާންދޭށެވެ. އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. މީސްތަކުން ނިދައިފައި ތިބޭހާލު ތިޔަބައިމީހުން ރޭގަނޑު ތެދުވެ ނަމާދު ކުރާށެވެ. އޭރުން ސަލާމަތްތެރިކަމާއެކު ތިޔަބައިމީހުން ސުވަރުގެ ވަންނަ ހުއްޓެވެ."
ހަމަ އެހެންމެ، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އީމާންކަމުގެ ނިޝާނެކެވެ. ޞަޙީޙް ބުޚާރީއާއި މުސްލިމްގައިވެއެވެ. من كان يؤمن بالله واليوم الآخر فليصل رحمه މާނައީ: މާތް ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ މީހަކު ނަމަ، ފަހެ، ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."
ރަޙިމުގެ ގުޅުން ދަމަހައްޓާނީ ކިހިނެއް؟
މީހަކު ސުވާލުކޮށްފާނެއެވެ. އެހެންވިއްޔާ، އަހުރެމެން ރަޙިމުގެ ގުޅުން ދަމަހައްޓާނީ ކިހިނެއް ހެއްޔެވެ؟
އޭގެ ޖަވާބުގައި ބުނާން އޮތީ:
- އެބައިމީހުންނާ އޮންނަ ރަޙިމުގެ ގުޅުމުގެ ސަބަބުން އެބައިމީހުން ދެކެ އެހެން މީހުންނަށްވުރެ ލޯބިވާށެވެ.
- އެބައިމީހުންނަށް ކަމެއްދަމެއް ބޮޑުވެއްޖެނަމަ، އެ ކަމަކަށް އެހީތެރިވުމަށް އަވަސްވެގަންނާށެވެ.
- އެބައިމީހުންގެ މެދުގައި އަރައިރުމެއް، ރުޅިވެރިކަމެއް، މައްސަލައެއް ޖެހިއްޖެއްޔާ، އެ ކަމެއް ޙައްލުކޮށް، އެބައިމީހުންގެ މެދުގައި ޞުލްޙަކުރުމަށް އަވަސްވެގަންނާށެވެ.
- އެބައިމީހުންނަށް ދިމާވާ އުފާވެރި ކަންކަމުގައި އެބައިމީހުންނާ ބައިވެރިވެ އުފާފާޅުކޮށް، އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާށެވެ.
- އެބައިމީހުންނަށް ނިކަމެތިކަމާއި ފަޤީރުކަމާއި ދަތިކަން ދިމާވާ ހިނދު، ތިބާއަށް ވެދެވުނު އެންމެ މަތީ ދަރަޖައަށް މާއްދީގޮތުންނާއި މަޢުނަވީގޮތުން އެބައިމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.
- އެބައިމީހުންނަށް ބައްދަލުވާ ހިނދު، ހިނިތުންވެފައިވާ މޫނަކާއެކު އަދި އުފާވެރިކަމުގެ ޝުޢޫރުތަކާއެކު ބައްދަލުކުރާށެވެ.
- އެބައިމީހުންނާ ވާހަކަދައްކާއިރު އޯގާތެރިކަމާއެކު ވާހަކަދައްކާށެވެ.
- އެބައިމީހުންނަކީ ފަޤީރުންކަމުގައި ވާނަމަ އަދި ތިބާއަކީ މުއްސަންޖެއް ކަމުގައިވާނަމަ، އެބައިމީހުންނާ މުޢާމަލާތުކުރާއިރު އެންމެ މަތީ ދަރަޖައަށް ތަވާޟުޢުވެރިކަމާއެކު އެބައިމީހުންނާ މުޢާމަލާތުކުރާށެވެ.
ޞަދާޤާތްކުރުމުގައި ގާތްތިމާގެ މީހުން އިސްކުރުން:
ޞަދަޤާތްކުރުމުގައި ގާތްތިމާގެ މީހުންނަށް އިސްކަންދިނުމަކީ އެދެވިގެންވާ ގޮތެވެ. ތިބާގެ ގާތްތިމާގެ މީހުންގެ ތެރޭގައި މާލީގޮތުން ނިކަމެތިންނާއި މިސްކީނުން ތިބިއްޔާ، ޞަދަޤާތް ދިނުމުގައި އެބައިމީހުން އިސްކުރުމުން، ތިބާއަށް ދެކަމެއް ޙާޞިލުވާނެއެވެ. އެއީ ޞަދަޤާތް ދިނުމުގެ ސަވާބާއި ދަރުމަޔާއި، ގާތްތިމާގެކަމާއި ރަޙިމުގެ ގުޅުން ދެމެހެއްޓިކަމުގެ ސަވާބާއި ދަރުމަ ޙާޞިލުވުމެވެ. ސުނަނު ތިރިމިޛީގައިވާ ޙަދީޘެއްގައި ވެއެވެ. الصدقة على المسكين صدقة، وعلى القريب صدقة وصلة މާނައީ: " މިސްކީނުންނަށް ދެވޭ ޞަދަޤާތަކީ ޞަދަޤާތެކެވެ. އެހެނަސް، ގާތްތިމާގެ މީހާއަށް ދެވޭ ޞަދަޤާތަކީ، ޞަދަޤާތަކާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމެކެވެ."
ރަޙިމުގެ ގުޅުމުން ދިމާވާ ހެޔޮ އަސަރުތައް:
ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ސަބަބުން ލިބޭ ސަވާބާއި ދަރުމައިގެން އިތުރުން ވެސް، ދުނިޔެމަތީ އެ މީހަކަށް އެތަކެއް ހެޔޮ އަސަރު ކުރެއެވެ. އެތަކެއް ފައިދާތަކެއް ލިބެއެވެ.
އެގޮތުން ބަލާއިރު:
- އެއީ އީމާންކަން އެ މީހެއްގެ ކިބައިގައި ހުރިކަމުގެ ޢަލާމާތެކެވެ.
އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައިވެއެވެ. من كان يؤمن بالله واليوم الآخر فليصل رحمه މާނައީ: "މާތްﷲ އާއި އާޚިރަތްދުވަހަށް އީމާންވާ މީހަކު ނަމަ، ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."
- އެއީ ރަޙްމާންވަންތަ އިލާހާ ގުޅުން ބަދަހިވާ ކަމެކެވެ.
ޞަޙީޙް ބުޚާރީގެ ޙަދީޘެއްގައި ވެއެވެ. إنَّ الرَّحِمَ شِجْنَةٌ مِنَ الرَّحْمَنِ، فقالَ اللَّهُ: مَن وصَلَكِ وصَلْتُهُ، ومَن قَطَعَكِ قَطَعْتُهُ މާނައީ: "ހަމަކަށަވަރުން الرّحم މި ކަލިމަ ނެގިފައިވަނީ (މާތް ﷲ ގެ އިސްމުފުޅެއް ކަމުގައިވާ) الرّحمن މި ކަލިމައިންނެވެ. ފަހެ، މާތްﷲ ވަޙީކުރެއްވިއެވެ. ތިބާއާ ގުޅުން ބަދަހިކޮށްފި މީހަކާ (އެބަހީ، ރަޙިމުގެ ގުޅުން ދަމަހައްޓައިފި މީހަކާ) ތިމަން ﷲ ގުޅުން ދަމަހައްޓަވާހުށީމެވެ. އަދި ތިބާއާ ގުޅުން ކަނޑައިލި މީހަކާ (އެބަހީ، ރަޙިމުގެ ގުޅުން ކަނޑައިފި މީހަކާ) ތިމަން ﷲ ގުޅުން ކަނޑުއްވާހުށީމެވެ."
- އެއީ ސަވާބު ލިބުން އަވަސްވެގެންވާ ޢަމަލެކެވެ.
قال رسول الله صلى الله عليه وسلم: (ليس شيء أطيع الله تعالى فيه أعجل ثوابا من صلة الرحم، وليس شيء أعجل عقابا من البغي وقطيعة الرحم). رواه البيهقي وصححه الألباني.
މާނައީ: " މާތް ﷲ އަށް ބޯލަނބައި ކިޔަމަންގަނެވޭ ކަންކަމުގެ ތެރެއިން ސަވާބު އެންމެ އަވަހަށް ލިބެނިވި ޢަމަލަކީ ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. އަދި ޢުޤޫބާތް އެންމެ އަވަސްވަނިވި ކަމަކީ، އަނިޔާވެރިކަމާއި ރަޙިމުގެ ގުޅުން ކަނޑައިލުމެވެ."
- އެއީ ސުވަރުގެއަށް ވަދެވޭ ސަބަބެކެވެ.
(أهل الجنة ثلاثة: ذو سلطان مقسط، ورجل رحيم رقيق القلب بكل ذي قربى ومسلم، ورجل غني عفيف متصدق)[رواه مسلم].
މާނައީ: "ސުވަރުގޭގެ އަހުލުންނަކީ ތިން ބައެކެވެ. ޢަދުލުވެރި ވެރިޔާއާއި، ގާތްތިމާގެ މީހުންނާއި މުސްލިމުންގެ މައްޗަށް އެ މީހެއްގެ ހިތްމަޑުމޮޅިވާ ރަޙުމުވެތި ހިތެއްގެ ވެރިޔާއާއި، ޢިއްފަތްތެރި އަދި ޞަދަޤާތްކުރާ ތަނަވަސްކަމުގެ އަހުލުވެރިޔާއެވެ."
- އެއީ ގާތްތިމާގެ މީހުންގެ ލޯބި ލިބުމާއި މުދާ އިތުރުވުމުގެ ސަބަބެކެވެ.
قال صلى الله عليه وسلم: (صلة الرحم محبة في الأهل، مثراة في المال، منسأة في الأثر)[رواه أحمد].
މާނައީ: "ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންގެ މެދުގައި ލޯބި އާލާވާނެ ކަމެކެވެ. އަދި މުދައުވެރިކަން އިތުރުވާނޭ ކަމެކެވެ. އަދި އުމުރު ދިގުވާނޭ ކަމެކެވެ."
- އެއީ ރިޒްޤު ތަނަވަސްވުމާއި އުމުރު ދިގުވުމުގެ ސަބަބެކެވެ.
(من أحب أن يبسط في رزقه، وينسأ له في أثره؛ فليصل رحمه)[رواه مسلم].
މާނައީ: "އެ މީހެއްގެ ރިޒްޤު ތަނަވަސްވެ، އުމުރު ދިގުވާން އެދޭ މީހާ، ފަހެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."
- އެއީ ބުއްދީގެ ފުރިހަމަކަން ދައްކުވައިދޭ ކަމެކެވެ.
ރަޢުދު ސޫރަތުގެ 21 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَّبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ ﴿١٩﴾ الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنقُضُونَ الْمِيثَاقَ ﴿٢٠﴾ وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ ﴿٢١﴾
މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވީ، ޙައްޤު ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރީންނެވެ. (19) އެއުރެންނަކީ، اللَّه އަށް ވެފައިވާ ވަޢުދު ފުއްދާ، އަދި ކަށަވަރުވެގެންވާ ޢަހުދު އުވައިނުލާ މީހުންނެވެ. (20) އަދި އެއުރެންނަކީ، ގުޅިފައިވުމަށް اللَّه އަމުރުކުރައްވައިފައިވާ ކަންތައްތައް ގުޅުވާ، އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ، އަދި ހިސާބު ބެއްލެވުމުގެ ނުބައި ނަތީޖާއަކަށް ބިރުގަންނަ މީހުންނެވެ. (21)"
ދުޢާއަކީ އަޅަމެންނަކީ ރަޙިމުގެ ގުޅުން ކަނޑައިނުލާ ބައެއްގެ ގޮތުގައި ލެއްވުމެވެ. އަދި އެ ގުޅުން ދަމަހައްޓާ ބައެއްގެ ގޮތުގައި ވެސް ލެއްވުމެވެ. އާމީން.