ސްޕެއިންގެ ލަލީގާގައި އެއްވަަނަައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ލެވާންޓޭ ލީގުގައި ރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ލެވާންޓޭގެ ދަނޑުގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމުން ލީޑު ނެގީ އެނިސް ބަރްދީގެ ލަނޑުންނެެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން، އެތުލެޓިކޯގެ މާކޮސް ލޮރެންޓޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މިއީ އެތުލެޓިކޯ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން، ޕޮއިންޓަކާއެކު ފުއްދާލަން ޖެހުނު ދެވަނަ މެޗެވެ. އެތުލެޓިކޯ ތާވަލްގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓްގެ ލީޑަކާއެކު އެވެ.

އެތުލެޓިކޯ ތާވަލްގެ އެއްވަނައިގައި 55 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި 49 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. ރެއާލް އިން ވަނީ އެތުލެޓިކޯ އަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ. ތިން ވަނައިގައި ބާސެލޯނާ އތީ 46 ޕޮއިންޓާއެކު އެވެ. – ބީބީސީ