އިންޑިއާ ސަރުކާރުގެ ލޯނާއި ހިލޭ އެހީގައި ރާއްޖޭގައި ފަށާފައިވާ މަޝްރޫއުތައް އަވަސްކުރުމަށް އިންޑިއާ އާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

އިންޑިއާ ސަރުކާރުގެ ލޯނު އެހީއާ ހިލޭ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ތަފާތު މަޝްރޫއުތަކެއް ފަށައިފަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ގޯސްވެ، އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ކުރިއަށް ނުގޮސް މަޑުޖެހިފައިވެ އެވެ. އަދި ޚާރިޖީ ވަޒީރުގެ އިންޑިއާ ދަތުރުފުޅުފައްޓަވަމުން ވެސް ވަނީ މަޝްރޫއުތައް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ޒަމީރު ޕީއެސްއެމްއާ ވާހަކަދައްކަވަމުން ވިދާޅުވީ ދެ ވަޒީރުން ބޭއްވި ބައިލެޓްރަލް ބައްދަލުވުމުގައި މަޝްރޫއުތައް އަވަސްކުރުމުގެ މުހިއްމު ކަމާބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

"އަޅުގަނޑަށް އެކަށީގެންވާ ގޮތުގައި މަސައްކަތްކުރެވެނު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މަޝްވަރާކުރެވުނު މިކަންކަމުގައި. އަދި މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި އެކަމަށް އެކުލަވާލާފައިވާ ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ބަލަންވެސް މަޝްވަރާކުރެވުނު،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަތަކުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވެސް ވަނީ ރައްޔިތުންނާ ގުޅޭ މަޝްރޫއުތައް ރައްޖޭގައި އެ ގައުމުން ކުރިއަށްގެންދާ ކަމަށާއި އެއީ މުހިއްމު މަޝްރޫއުތަކެއްކަން ފާހަގަކުރައްވާފަ އެވެ.

ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ބަދުބަސް ބުނި މައްސަލަ ވަނީ ހޫނުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އެ ތިން ބޭފުޅުން ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ.

އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އިންޑިއާގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވަނީ ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ އިންޓަވިއުގައި ޒަމީރު ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލް މީޑިއާގައި ދެއްކި އެ ވާހަކަތަކަކީ ދިވެހި ސަރުކާރުގެ ވިސްނުން ނޫން ކަން ކުރިން ވެސް ހާމަކޮށްފައި ވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން އެކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ސޯޝަލް މީޑިއާގައި އަދިވެސް އެބައުޅޭ ހިޔާލުތަފާތުވުންތަކެއް. ނަމަވެސް، ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދުގައި މިހާރު އެ ހިޔާލުތަފާތުންތަކެއް ނެތް. އެކަމުން އަޅުގަނޑުމެންނަށް އަރައިގަނެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މި ސަރުކާރުގެ އެންމެ އިސްވެރިން ބައިވެރިވެ، "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު މުޒާހަރާތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާފައިވެ އެވެ. އަދި "ދިވެހިންގެ ރާއްޖެ"ގެ ނަމުގައި ހިންގި ކެމްޕޭނަށް ފަހު ވެރިކަމާ ހަވާލުވެ، އެންމެ ބޮޑު އިސްކަމެއް ދިނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށެވެ. އެ ދުވަސްވަރު އިންޑިއާއަށް ފާޑުކި ނަމަވެސް ވެރިކަން ލިބުމުން ރާގު ބަދަލުވެ، އިންޑިއާ އާއެކު ގުޅުން ބަދަހިކުރަން ވަނީ މަޖުބޫރުވެފަ އެވެ.