އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސަސް ކޭޓް މިޑްލްޓަން ރާނީއަށް ވުމުން އޭނާގެ ލޭޑީ އިން ވެއިޓިންއަށް އައްޔަންކުރާނީ އޭނާގެ ކޮއްކޮ ޕިޕާ މިޑްލްޓަން ކަމަށް ޝާހީ މާހިރުން ބުނަން ފަށައިފި އެވެ.
ކޭޓްގެ ފިރިކަލުން ޕްރިންސް ވިލިއަމް ތަޚުތަށް އަރާވަޑައިގަތުމުން ޝާހީ މަސައްކަތްތައް ގިނަ ވާނެކަމަށް ލަފާކުރެވެ އެވެ. އެހެންކަމުން މި މަސައްކަތްތަކުގައި ކޭޓްއަށް އެހީތެރިވުމަށް މީހުން އައްޔަންކުރާނެ ކަމަށް ބެލެވެ އެވެ. ލޭޑީ އިން ވެއިޓިން އަކީ މިފަދަ މަގާމުތަކަށް ރަސްމީކޮށް ކިޔާ ނަމެވެ.
މި ކަހަލަ މަގާމުތަކަށް އާންމުކޮށް އައްޔަނުކުރާނީ ވަރަށް އިތުބާރުކުރެވޭ މީހުންކަމުން ކޭޓްގެ ކޮއްކޮއަށް މިފަދަ މަގާމެއް ދީފާނެކަމަށް ބެލެވެ އެވެ. ކޭޓް އާއި ޕިޕާއަކީ އަކީ ވަރަށް ގާތްކޮށް އުޅޭ ދެމީހުންނެވެ. ޕިޕާ ވަނީ ކޭޓް އަދި ވިލިއަމްގެ ކައިވެނީގައި މެއިޑް އޮފް އޮނާގެ މަގާމް އަދާކޮށްފަ އެވެ. އަދި ދާދި ފަހުން ކޭޓް އަށް ކުރިމަތިވި ކެންސަރުގެ ބަލީގެ ތެރޭގައި ވެސް ޕިޕާގެ ފަރާތުން ކޭޓް އަށް ވަރަށް އެއްބާރުލުން ލިބޭ ކަމަށް ޝާހީ މާހިރުން ބުނެ އެވެ.
މިހާތަނަށް ކޭޓް މިޑްލްޓަންގެ މަސައްކަތްތަކަށް މި ފަދަ މީހުން އައްޔަނުކޮށްފައެއް ނުވެ އެވެ.