ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ދިއްދޫއަށް ރޭ ކުރި ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ދިއްދޫ ކައުންސިލުން ބުނީ ރޭ ކުރި ވިއްސާރައިގައި ދިއްދޫގެ ފުލެޓް ސަރަހައްދަށް ނަގޫ ރޯޅިއެއް އަރައި ހަ ގެއެއްގެ ފުރާޅުގެ ޓިނުތައް އުކާލާފައިވާ ކަމަށެވެ. އަދި ގިނަ ފުލެޓްތަކަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން ބުނީ ގެއްލުން ލިބުނު ގެތަކުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލާއި، ފުލުހުންނާއި އަދި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މި ގެތަކުގައި ދިރިއުޅޭ އާއިލާތަކަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ކައުންސިލުން ހާމަކުރެ އެވެ.
ހުޅަނގު މޫސުން ފެށިފައިވާ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެކެވެ. އެގޮތުން ވިއްސާރަވެ ގޭގެއަށް ފެންވަދެ ބައެއް ރަށްރަށުގެ ގަސްތައް ވެސް ވެއްޓި އެކި ވަރުގެ ގެއްލުން ދަނީ ވަމުންނެވެ. އެހެންކަމުން މިކަމަށް އާންމު ރައްޔިތުން ސަމާލުކަން ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެ އެވެ.