ގިނަ އެވޯޑްތަކެއް އަދި ދިވެހިން މެދުގައި މަގުބޫލު ފިލްމު "ލޫދިފާ"ގެ ޓީމުން އަނެއްކާ ވެސް ތަފާތު ފިލްމެއް ގެނެސްދިނުމަށް ތައްޔާރުވެއްޖެ އެވެ.
ދިވެހި ފިލްމު "ލޫދިފާ" އަކީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. ދިވެހި ފިލްމީ ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދިން ފިލްމެކެވެ. ޒުވާނުންގެ މެދުގައި މަގުބޫލު ފިލްމެކެވެ. 2012 ވަނަ އަހަރު ބޭއްވި ދިވެހި ފިލްމު އެވޯޑްގެ އެންމެ މޮޅު އަދި އެންމެ މަގުބޫލު ފިލްމަކީ ވެސް މޫމިން ފުއާދު ޑައިރެކްޓްކުރި "ލޫދިފާ" އެވެ.
ތޭރަ އަހަރަށް ފަހު "ލޫދިފާ"ގެ ޓީމުން މިވަނީ އިތުރު ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން މި ފިލްމުގެ ޕްރޮޑިއުސަރަކީ "ލޫދިފާ"ގެ ވެސް ޕްރިޑިއުސަރު ހުސައިން ނޫރައްދީނެވެ.
"އަބަދަށް" ނަމުގައި ގެނެސްދޭ މިފިލްމުގެ ޑައިރެކްޓަރަކީ ވެސް މޫމިން ފުއާދު އެވެ.
މޫމިން އާއި ނޫރުގެ އިތުރުން މިފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވެސް ހަރަކާތެރިވެ އެވެ.
"އަބަދަށް" ފިލްމުގެ ޝޫޓީން ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ.
މި ފިލްމުގެ ރޯލުތަކުން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކޮޕީ އިއްސެގެ އިތުރުން ވާޝިޔާ މުހައްމަދު އާއި ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ. އޭގެ އިތުރުން، ވެސް ބައެއް އާ ތަރިން މި ފިލްމުން ފެންނާނެ އެވެ.
"އަބަދަށް" އަކީ މިހާރު ދިވެހި މުޖުތަމައުން ފެނިގެންދާ މައްސަލަތަކަށް އަލިއަޅުވާލާފައިވާ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. މިފިލްމު ބެލުންތެރިންނަށް ފެނިގެންދާނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެވެ.