ރާކީ ސާވަންތް އާއި އޭނާގެ ފިރިމީހާ ރިތޭޝްގެ ކައިވެނީގެ ވާހަކައަކީ ކިހާވަރެއްގެ ތެދެއް އެކުލެވޭ ވާހަކައެއް ކަން ޔަގީންކުރެވިފައެއް ނުވެ އެވެ. ސަބަބަކީ މިހާތަނަށް އެބުނާ ރިތޭޝްގެ އެންމެ ފޮޓޯއެއް ވެސް އާންމުވެފައި ނެތުމެވެ. އަދި ރާކީ އާއެކު ވެސް ރިތޭޝް ފެނިފައި ނުވެ އެވެ.
މިހާރު ބިގް ބޮސްގައި ބައިވެރިވެގެން އުޅޭ ރާކީ އެ ޝޯގެ ތެރޭގައި ބުނީ މިހާރު ފިރިމީހާއާ ބައްދަލު ނުވާތާ ދެ އަހަރު ވެފައިވާ ކަމަށެވެ. އަދި އެހެން ކަމުން މިހާރު އެ ގުޅުމުން ވަކިވާން ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ.
ބިގް ބޮސްގައި އެންމެ ފަހުން ދެއްކި އެޕިސޯޑްގައި އިމިއުނިޓީ ހޯދުމަށްޓަކައި ރާކީއަށް ޖެހުނީ ކްރިސްޓްމަސްގައި ރިތޭޝް އޭނާއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ސިޓީއެއް ވީދާލާށެވެ.
ރާކީ ބުނި ގޮތުގައި އެ ސިޓީއަކީ އޭނާއަށް ވަރަށް މުހިއްމު ސިޓީއެކެވެ. އަދި އެ ސިޓީގައި އޭނާއާ މުހާތަބުކޮށް ރިތޭޝް ލިޔެފައިވަނީ "ޖާނޫ" ކަމަށް ވެސް ރާކީ ބުނެ އެވެ.
އެ ސިޓީއަކީ އޭނާއަށް އެހާ މުހިއްމު އެއްޗަކަށް ވާނަމަ އެ ވީދާނުލުމަށް ބިގްބޮސްގެ އެހެން ބައިވެރިން ވަނީ ރާކީ ގާތުގައި އެދިފަ އެވެ. ނަމަވެސް ރާކީ ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.
"އަހަރެން ރިތޭޝްއާ އިނީ ވަރަށް ލޯބިން. މި ސިޓީ ވީދާލުމަށްފަހު އަހަރެން ވަރަށް ދެރަވާނެ. ނަމަވެސް ވިސްނާލެވެނީ މިހާރު އަހަރެމެންގެ ގުޅުން އޮތް ހާލަތަށް. އަހަރެމެން ބައްދަލުނުވާތާ ދެ އަހަރުވެއްޖެ. އޭނަ އަހަރެންނަށް މާލީގޮތުން އެހީވި ނަމަ އަހަރެން ބިގް ބޮސްއަށް އަންނާކަށް ނުވެސް ޖެހުނީސް. އަލުން އަނބުރާ މަޝްހޫރުކަން ބޭނުމެއް ނުވީސް. ފައިސާ ހޯދަން އެހާވަރަކުން އުޅެން ނުޖެހުނީސް. އެކަމަކު އޭނާ އަހަންނަކަށް އެހީއެއް ނުވި. އަހަރެންގެ ލޯނުތަކެއް އަނބުރާ ނުދެއްކި. މިހާރު ވެސް ފައިސާ ހޯދަން މަސައްކަތް ކުރަނީ އަހަރެން. އޭނާ ކުރާހާ ވެސް ކަމަކީ އިންޝުއަރެންސް،"
އަސަރާއެކު ރާކީ އިތުރަށް ބުނިގޮތުގައި އޭނާގެ ފިރިމީހާ ކުރިން ކައިވެންޏެއް ކުރި ކަމާއި އެ ކައިވެންޏަށް ދަރިއަކު ލިބިފައިވާ ކަން އެނގުނީވެސް ކައިވެނިކުރި ފަހުންނެވެ.
ސިޓީ ވީދާލުމަށް ފަހު ރާކީ ބުނީ ފިރިމީހާއަށް ވުރެ އޭނާއަށް ބިގްބޮސް މުހިއްމު ކަމަށެވެ.