މިއީ ފަހަކަށް އައިސް ރާއްޖޭގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ޖަނަވާރުތަކަށް އަނިޔާކުރުން މީ މަޖަލަކަށް ހަދައިގެން ވީޑިއޯކޮށްފައި ވެސް މި ކަންކުރަނީ އެވެ. މިކަން ބަލާ ހުއްޓުވާނޭ މުއައްސަސާއެއް ނެތެވެ. ޖަނަވާރުތައް ދެކެ ލޯބިވާ މީހުންނަށް މިއީ އަމުދުން ބަލަން ކެތްވާ ވަރުގެ މަންޒަރެއް ނޫނެވެ. ދާދި ފަހުންވެސް މަގުމަތީގައި އޮތް މާބަނޑު ބުޅަލެއްގެ ގަޔަށް ވަޅި ހަރާ ބުޅާ ވަނީ މަރާލާފަ އެވެ.
ފާއިތު އަހަރުތަކުގެ ތެރޭގައި ބުޅާ ދަންޖައްސާ ނުވަތަ މޫދަށް އެއްލާލާ މަންޒަރު ފެނިފަ ހުރީ މަދެއް ކޮށެއް ނޫނެވެ. ޒަހަރު ދީގެން މަރާލާފައިވާ އެތައް ބުޅަލެއްގެ ފޮޓޯ "މޯލްޑިވްސް ކެޓަހޯލިކްސް" ފޭސްބުކް ގްރޫޕުން އެތައް ފަހަރަކު ވަނީ ފެނިފަ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 625 މާއްދާގެ ދަށުން ޖަނަވާރަކަށް އަނިޔާ ކުރާ މީހަކު ކުރަނީ ކުށެކެވެ. މިއީ ޖުނުހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ 3 މަސް ދުވަހުގެ ޖަލުހުކުމެވެ.
މިއީ ހަގީގަތުގައި މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ. މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމެކެވެ. އެއީ މިކަހަލަ ކަންކަން ކުރާ މީހުން އަނިޔާ ކުރާނީ ހަމައެކަނި ޖަނަވާރުތަކަށް އެކަނި ކަމަށް ހީކުރުމަކީ ގޯހެކެވެ. އެކަހަލަ މީހުންނަކީ އިންސާނުންނަށް ވެސް އޮތް ނުރައްކަލެއްކަން ދިރާސާތަކުން ދައްކަ އެވެ.
ޖަނަވާރުތަކަށް ކުރާ އަނިޔާއާއި އިންސާނުންނަށް ކުރާ އަނިޔާއާ ސީދާ ގުޅުމެއް ވާކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާ އާއި ދޮށީ އުމުރުގެ މީހުންނަށް ކުރާ އަނިޔާ އާއި އެހެނިހެން ހަރުކަށި އަމަލުތައް ހިމެނެ އެވެ.
މެސެޗޫސެޓްސް ސޮސައިޓީ ފޯ ދަ ޕްރިވެންޝަން އޮފް ކްރޫއެލިޓީ ޓު އެނިމަލްސް އެންޑް ނޯތުސްޓާން ޔުނިވާސިޓީ ގުޅިގެން 1997 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޖަނަވާރުތަކަށް އަނިޔާކުރާ މީހުންނަކީ އެހެން އިންސާނުންނަށް ވެސް ގެއްލުން ދިނުމުގެ ފުރުސަތު ފަސް ގުނަ ބޮޑު ބައެކެވެ.
ދެހާސް ތޭރަ ވަނަ އަހަރު ޝާއިއުކުރި އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ސުކޫލުތަކުގައި މީހުން މެރުމުގެ އަމަލުތައް ހިންގާ މީހުންގެ ތެރެއިން 43 ޕަސެންޓް މީހުން ވަނީ ޖަނަވާރުތަކަށް އަނިޔާވެރި އަމަލުތައް ވެސް ކޮށްފަ އެވެ. ޖަނަވާރުންނާއި އިންސާނުންނާ ދޭތެރޭ ކުރާ އަނިޔާއާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުވާލާ ނެޝަނަލް ލިންކް ކޯލިޝަންގެ ކޯޑިނޭޓަރު ފިލް އާކޯ ވަނީ ޖަނަވާރުތަކަށް ކުރާ އަނިޔާއަކީ ގެވެށި އަނިޔާގެ އިޝާރާތެއް ކަމަށް ނުވަތަ "ޕްރިޑިކްޓާ ކްރައިމް"ގެ ގޮތުގައި ސިފަކޮށްފަ އެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ތިންވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ މައްސަލަ ތަހުގީގު ކުރަމުން ދިޔަ 88 ޕަސެންޓް ގެތަކުން ޖަނަވާރުތަކަށް ކުރާ އަނިޔާ އެކުދިންނަށް ފެނިފައިވެ އެވެ. ތުއްތު ކުއްޖަކީ ޖަނަވާރުތަކަށް އަނިޔާވެރި ކުއްޖެއް ނަމަ އެއީ އެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ނުވަތަ އިހުމާލުތަކެއް ލިބިފައިވާ ކަމުގެ ނިޝާނަކަށް ވެދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ޖަނަވާރުތަކަށް ކުރާ އަނިޔާތައް ފެންނަ ކުދިންނަކީ އަމިއްލައަށް ޖަނަވާރުތަކަށް އަނިޔާކުރާ ބަޔަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
ނަވާރަ ސަތޭކަ ހަތްދިހައިގެ ކުރީ ކޮޅު އެމެރިކާގެ ފެޑެރަލް ބިއުރީ އޮފް އިންވެސްޓިގޭޝަނުން ހެދި ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ ބިހޭވިއަރަލް ޕްރޮފައިލްތަކުން، ބޮޑެތި ޖަރީމާތައް ހިންގާ "ސީރިއަލް ކިލާ" އިން ފަދަ މީހުން ކުޑައިރު ޖަނަވާރުތަކަށް އަނިޔާ ކުރި ކަން އެނގިފައިވާކަން ފާހަގަކުރައްވާފަ އެވެ.
"ސީރިއަލް ކިލާ"އިންނަކީ ގިނަ އަދަދެއްގެ މީހުން މަރާލި ކަމުގެ ރެކޯޑު އޮންނަ މީހުންނެވެ. އެފަދަ މީހުންނަކީ އެމީހުންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މުޅި ދުނިޔެއަށް ގިނަވެފައި ތިބި މީހުންނެވެ. ދިރާސާތަކަށް ބަލާލާއިރު އެފަދަ ގިނަ މީހުންގެ ކިބައިން އެއްކަމެއް ފާހަގަ ކުރެވެ އެވެ. އެއީ އެފަދަ މީހުން ޅަ އުމުރުގައި ޖަނަވާރަށް އަނިޔާ ކޮށްފައިވާ ކަމެވެ.
އެމެރިކާގެ ބޮސްޓަންގައި 1960ގެ އަހަރުތަކުގެ ތެރޭގައި ނޭވާ ހާސްކޮށްގެން 13 އަންހެނުން މަރާލި އެލްބާޓް ޑިސަލްވޯ (ބޮސްޓަން ސްޓްރޭންގްލާ) އަކީ ފުރާވަރުގައި ބުޅަލާއި ކުއްތާތައް ހައްޔަރުކޮށްގެން އެއަށް ތީރު ޖަހައި މެރި މީހެކެވެ.
ޓެޑް ބަންޑީ އަކީ އެމެރިކާ ދުށް އެންމެ ނުރައްކާތެރި އެއް ސީރިއަލް ކިލާ އެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ވަނީ އެމެރިކާގެ ހަތް ސްޓޭޓެއްގައި 30 މީހުން މަރާލާފަ އެވެ. ބަންޑީ އަކީ ވެސް ކުޑައިރު ޖަނަވާރުތަކަށް އަނިޔާ ކުރުމުގެ ރެކޯޑެއް އޮންނަ މީހެކެވެ.
ޖަނަވާރުތަކަށް އަނިޔާކުރުމުގެ ސީރިއަސްކަމާއި މެދު ދިވެހިން އެބަ ވިސްނަންޖެހެ އެވެ. މިއަދު އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ވަރުގެ ނިކަމެތި ބުޅަލެވެ. މާދާމާ މި އަނިޔާ އަންނާނީ ކާކަށް ކަމެއް ބުނާކަށް ނޭނގޭނެ އެވެ. ޖަނަވާރުތަކަށް އަނިޔާ ކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ދަނެ މި ކަން ހުއްޓުވަން އެބަ ޖެހެ އެވެ. .