ދަހޭގް (މެއި 20)- ފަލަސްތީނުގެ ޣައްޒާގައި އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ބެލްޖިއަމްގެ ދަހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން މިއަދު ނެރެފި އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއާއި އޭގެ ފަހުން ޣައްޒާއާ ދެކޮޅަށް ހިންގާ ހަނގުރާމައާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި ކަމަށް އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ޚާން ސީއެންއެންގެ ކްރިސްޓިއަން އަމާންޕޫރުއަށް ހޯމަ ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ކަރީމް ވިދާޅުވީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްގެ އިތުރުން ހަމާސްގެ އިތުރު ދެ ލީޑަރުން ކަމަށްވާ އަލް ގައްސާމް ބްރިގޭޑްގެ ލީޑަރު އަދި މުހައްމަދު ދީފްގެ ނަމުން މަޝްހޫރު މުހައްމަދު ދިއާބް އިބްރާހިމް އަލް މަސްރީ އާއި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާގެ އަމުރަކަށް ވެސް އައިސީސީން އެދިފައިވާ ކަމަށެވެ.
އިޒްރޭލްގެ ސިޔާސީ ބޭފުޅުންގެ މައްޗަށް ނެރުނު މި އަމުރަކީ، އެމެރިކާގެ ގާތް އެކުވެރި ގައުމެއްގެ އިސް ލީޑަރަކަށް އައިސީސީން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. މި އަމުރު ނެރުނުއިރު ނަތަންޔާހޫގެ އިތުރުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ މައްޗަށް ވެސް ޔޫކްރެއިންއާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވެ އެވެ.
އައިސީސީގެ ޖަޖުންގެ ޕެނަލަކުން މިހާރު ބަލާނީ އިމްރާން ހައްޔަރުކުރުމުގެ އަމުރަށް ހުށަހެޅި މައްސަލަ އެވެ.
ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި "ނައްތާލުމަށް މަގުފަހިކުރުމާއި، ހަނގުރާމައިގެ އުސޫލެއްގެ ގޮތުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، ހަމަނުޖެހުންތަކުގައި ތިބި އާންމުންނަށް ގަސްދުގައި އަމާޒުކުރުން" ހިމެނެ އެވެ.
އިޒްރޭލާއި އެމެރިކާއަކީ އައިސީސީގެ މެމްބަރު ދެ ގައުމަށް ނުވި ނަމަވެސް ޣައްޒާ، އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރީގެ އިހްތިސާސް އޮތް ކަމަށް އައިސީސީން ބުނަނީ، 2015 ވަނަ އަހަރު ފަލަސްތީނުގެ ލީޑަރުން އެ ކޯޓުގެ ފައުންޑިން އުސޫލުތަކަށް ބޯލެނބުމަށް ރަސްމީކޮށް އެއްބަސްވުމުންނެވެ.