ކަލާޒް ޗެނެލްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 14 ވަނަ ސީޒަން ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ރޯމޭނިއާގަ އެވެ. މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ މިޝޯގެ ޝޫޓިންނަށް އިއްޔެ ވަނީ މިޝޯގައި ބައިވެރިވާ ސެލިބްރިޓީން ރޯމޭނިއާއަށް ދިޔުމަށް ފުރާފަ އެވެ.

"ހަތުރޯން ކޭ ކިލާޅީ 14" ގެ ބައިވެރިންގެ ތެރޭގައި "ބިގް ބޮސް 13" ގައި ވާދަކޮށް ދެވަނަ އަށް ދިޔަ އާސިމް ރިޔާޒާއި ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮފާއި "ޖަލަކް ދިކްލާ ޖާ 10" ގެ ބައިވެރިއެއް ކަމަށްވާ ޓީވީ އެކްޓަރު ގަޝްމީރު މަހާޖާނީ އާއި "ބިގް ބޮސް 17" ގައި ފެނިގެންދިޔަ އެކްޓަރު ސަމާތު ޖުރެލް އާއި އަބީޝޭކް ކުމާރު ހިމެނެ އެވެ.

ސަމާތުގެ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެންމެ ފަހު ވަގުތު އޭނާ ވަނީ މިފަހަރުގެ ސީޒަންއިން ވަކިވެފަ އެވެ.

މީގެ އިތުރުން "ބިގްބޮސް" އިން ފެނިގެން ގޮސްފައިވާ ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އާއި ނިމްރިތު ކައުރު އަހުލުވާލިއާ އާއި އެކްޓަރު ސާލިން ބަނޮޓް މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ އެވެ.

"ހަތުރޯން ކޭ ކިލާޅީ 14" ޝޫޓިން މިމަހު ފެށުމަށް ހަމަޖެހިފައިވާ މިޝޯ ކަލާޒް ޓީވީއިން ދައްކަން ފަށާނީ އަންނަ ޖުލައި މަހު ތެރޭގަ އެވެ. އެއީ ބިގްބޮސް އޯޓީޓީ ސީޒަން 3 ނިމުމުންނެވެ.