"ބިގްބޮސް އޯޓީޓީ 3" ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު. އަނިލް ކަޕޫރު ފީއެއް ގޮތުގައި ނަގަނީ ސަލްމާން ޚާންގެ އެޕިސޯޑަކަށް ފީއެއް ގޮތުގައި ނެގި އަދަދުގެ ހަ ބައިކޮށްފައި އެއް ބައި.

ޖިއޯ ސިނަމާއިން ގެނެސްދޭ "ބިގް ބޮސް އޯޓީޓީ" ގެ ތިން ވަނަ ސީޒަނަށް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެޝޯގެ ހޯސްޓަށް އަނިލް ކަޕޫރު ހަމަޖައްސައިފި އެވެ.

"ބިގްބޮސް އޯޓީޓީ"ގެ ފުރަތަމަ ސީޒަން ހުށައަޅައިދީފައިވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ. އަދި ދެވަނަ ސީޒަން ހުށައަޅައިދީފައިވަނީ "ބިގްބޮސް"ގެ ރަސްމީކޮށް ހުށައަޅައިދޭ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނެވެ.

ނަމަވެސް އެކި ސަބަބުތަކާ ހެދި މިފަހަރުގެ ސީޒަންގައި ސަލްމާން ޚާން ފެނިގެންނުދާނެ އެވެ. އެއީ ޖޫން މަހު ޝޫޓިން ފަށާ ސަލްމާންގެ ފިލްމު "ސިކަންދަރު"ގެ މަސައްކަތަށް ހުސްވުމަށްޓަކަ އެވެ.

"ބިގްބޮސް" އުފައްދާ ފަރާތުން ވަނީ މިފަހަރުގެ ސީޒަން ހޯސްޓަކަށް ސަލްމާންގެ ބަދަލުގައި އަނިލް ކަޕޫރު ހަމަޖައްސައިފަ އެވެ.

މިފަހަރުގެ ސީޒަން އަނިލް ކަޕޫރު ހުށައަޅައި ދިނުމަށް ނަގާ ފީއަކީ ސަލްމާން ޚާން އެޕިސޯޑެއް ހުށައަޅައިދިނުމަށް ނަގާ ފީގެ ހަ ބައިކޮށްފައި އެއް ބައި އެވެ. އެގޮތުން ކަނިލް ކަޕޫރު ނަގަނީ އެޕިސޯޑަކަށް ދެ ކްރޯޑް ރުޕީސް އެވެ. ސަލްމާނުގެ ފީ އަކީ 12 ކްރޯޑް ރުޕީސް އެވެ.

ޖިއޯސިނަމާއިން ވަނީ "ބިގްބޮސް އޯޓީޓީ 3" ގެ ފުރަތަމަ ޕްރޮމޯ ދައްކާލާފަ އެވެ. މިޕްރޮމޯގައި ފެނިގެންދަނީ މީގެ ކުރިން "ބިގްބޮސް" ގައި ބައިވެރިވެފައިވާ ފަންނާނުގެ ކްލިޕުތަކެކެވެ.

https://www.instagram.com/p/C7RVYoJtYog/

ބިގް ބޮސް އޯޓީޓީ ސީޒަން 1 ދައްކާފައިވަނީ ވޫޓް އިންނެވެ. ކަރަން ޖޯހަރު ޝޯ ހޯސްޓް ކުރިއިރު، އެ ޝޯ ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ. ސީޒަން 2 ގައި ބޮޑަށް ފޯކަސްކޮށްފައިވަނީ އޯޓީޓީ އަށް ކަމަށާއި، ޔޫޓިއުބަރުންނާއި ސޯޝަލް މީޑިއާގެ ތަރިން ބައިވެރިވި އެވެ. ޖިއޯ ސިނަމާއިން އެކްސްކްލޫސިވްކޮށް ދައްކާފައިވާ މި ޝޯ ހޯސްޓް ކުރީ ސަލްމާން ޚާން އެވެ. އެއްވަނަ ހޯދި ޔޫޓިއުބަރެއް ކަމަށްވާ އެލްވިޝް ޔާދާވް އެވެ.

މިއަހަރުގެ ޖެނުއަރީގައި ނިންމާލި "ބިގްބޮސް 17" ކާމިޔާބު ކުރީ ސްޓޭންޑް-އަޕް ކޮމީޑިއަނެއް ގޮތުގައި މަގުބޫލުކަން ހޯދާފައިވާ މުނައްވަރު ފާރޫގީ އެވެ.

"ބިގްބޮސް އޯޓީޓީ 3" ނިމުމާއެކު "ބިގްބޮސް 18" ގެނެސްދިނުމަށް ތައްޔާރުވާނެ އެވެ.