ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާން ޑައިރެކްޓް ކުރާ ފުރަތަމަ ވެބް ސީރީޒް "ސްޓާޑަމް"ގެ ޝޫޓިން ނިންމާލައިފި އެވެ.

އުމުރުން 25 އަހަރުގެ އާރްޔަން ލިޔެ، ޑައިރެކްޓްކުރާ މި ސީރީޒްގެ ޝޫޓިން ނިންމާލުން ފާހަގަ ކުރުމަށް ވަނީ ޕާޓީއެއް ބާއްވާފަ އެވެ. މި ޕާޓީގެ އާރްޔަން ކޭކެއް ފަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ. އެ ވީޑިއޯގައި "ސްޓާޑަމް" ޓީމުން އަތްތިލަބަޑި ޖަހައި، ފޯރި ނަގާ ތަން ވެސް ފެނެ އެވެ.

https://www.instagram.com/p/C7bx_IUIjMG/

މިއީ ޝާހްރުކް ޚާންގެ ހިއްސާ އޮންނަ ރެޑް ޗިލީސް ޕްރޮޑަކްޝަންސްއިން އުފައްދާ މިސީރީޒްގައި ހިމެނެނީ ހަ އެޕިސޯޑް އެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ވެބް ސީރީޒްގެ ހާއްސަ ފެނިލުންތަކުން ބޮލީވުޑްގެ މަޝްހޫރު ތަރިން ފެނިގެންދާނެ އެވެ. އެގޮތުން އާރްޔަންގެ ބައްޕަ ޝާހްރުކް އާއި ރަންވީރު އާއި ރަންބީރު އަދި ބޮބީ ޑިއޯލް ފެނިގެންދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "ސްޓާޑަމް" ގެ މައިގަނޑު ތަރިއަކީ މި އަހަރުގެ ޖުލައިގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ކިލް" އިން ތައާރަފުކުރާ އެކްޓަރު ލަކްޝް ލަލްވާނީ އެވެ. އަދި މީގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް ހިމެނެ އެވެ.

ސީރީޒް ޕްރީމިއާކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު އެވެ.