ހުސެން މުނައްވަރުގެ "ކަމަނާ" 27 އޯގަސްޓް ގައި އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

"ކަމަނާ" އަކީ ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އޮގަސްޓް 27 ގައި ރިލީޒް ކުރުމަށް ނިންމާފައިވާ "ކަމަނާ" ގެ ޝޫޓިން ނިންމައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އިރު، މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަރަމުން އަންނަ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލުގެ އިތުރުން މުހައްމަދު ރަޝީދު (ދަރާ) އެވެ.

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ އެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.

https://youtu.be/jFoETWKEVIA?si=lxHAdjVZbous35-v

ރިޝްފާ އަބްދުއްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމެވެ.

މުނައްވަރު ވަނީ މީގެކުރިން ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކަކީ "ސަޒާ" އަދި "ދިލަކަނި" އެވެ.