މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަ. އެގޮތުން ވައްކަމުގެ 2،952 މައްސަލައެއް ހުށަހަޅާފައިވޭ

މި އަހަރުގެ މިހާތަނަށް ރަހީނުކުރުމުގެ 27 މައްސަލައެއް ހުށައަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރަހީނު ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މާޗު މަހު އެވެ. އެ މަހު ރަހީނު ކުރުމުގެ 10 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން ޖެނުއަރީ މަހު ރަހީނުކުރުމުގެ ތިން މައްސަލަ، ފެބްރުއަރީ މަހު ހަ މައްސަލަ، އޭޕްރީލް މަހު ހަތް މައްސަލަ އަދި މި މަހު އެފަދަ އެއް މައްސަލަ ހުށައަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ޖެނުއަރީ މަހު 668 މައްސަލަ، ފެބުރުއަރީ މަހު 607 މައްސަލަ، މާޗު މަހު 701 މައްސަލަ، އޭޕްރީލް މަހު 620 މައްސަލައިގެ އިތުރުން މެއި މަހުގެ 16 ވަނަ ދުވަހާ ހަމައަށް 356 މައްސަލަ ވައްކަން ކޮށްގެން ހުށަހަޅާފައިވެ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،952 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ޑްރަގުގެ 1،552 މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު ފޭރުމުގެ 328 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

ރާއްޖޭގައި ރަހީނު ކުރުމުގެ މައްސަލަތައް ވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ. ފުލުހުން ވަނީ ގޮތް ނޭނގޭ މީހުން ބުނެގެން ތަންތަނަށް ނުދިއުމަށާއި ކާކުކަން ނޭނގޭ މީހުންނާ ވަކިން ބައްދަލު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.