ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އޮފީސްތަކުން އަޅަން އަންގާފައިވާ ހަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އިދާރާތަކަށް ފޮނުވާފައިވާ ސާކިޔުލާއެއްގައި ބުނެފައިވާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މާޗު 18 އަދި މެއި 16 ވަނަ ދުވަހު ނެރެފައިވާ ސާކިޔުލާތަކުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މިއަހަރުގެ މާޗް މަހުން ފެށިގެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން މިނިސްޓަރުގެ ނައިބާއި އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީގެ މަގާމުތަކުގެ އަސާސީ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރަ 20،000 އިން މަތީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ނިންމި ނިންމުން ނިމުކަމަށް ގެންނަންވެސް ވަނީ ނިންމައިފަ އެވެ.
އަދި ކޮވިޑާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަކުރަން ނިންމި ނިންމުން ވެސް ނިމުމަކަށް ގެނެސް މަޖިލީހުގެ މުވައްޒަފުންނަށް ވެސް ކުރީގެ މުސާރަ ލިބޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
ނަމަވެސް މިއާއި އެކު ވެސް ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ބޮޑު ހީނަރުކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އެކަން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގާފަ އެވެ. އެގޮތުން، ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނެނީ މައިގަނޑު ތިން ދާއިރާއެއްގަ އެވެ. އެއީ މުވައްޒަފުންނަށް ހިނގާ ހަރަދު، ދަތުރު ހަރަދު، މަރާމާތާއި ބެލެހެއްޓުމުގެ ހަރަދު، އަދި ކެޕިޓަލް ހަރަދެވެ.