ޔޫވީ ލައިޓްގައި ދިވެހި ޕާސްޕޯޓް ފެންނަ ގޮތް ޓިކްޓޮކް ވީޑިއޯއެއްގައި މީހަކު ދައްކާލައިފި އެވެ.

"ހަދޫ"ގެ ނަމުގައިވާ ޓިކްޓޮކް އެކައުޓަކުން ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ދިވެހި ޕާސްޕޯޓުން ހަމަލޮލަށް ނުފެންނަ އެތައް ހިތްގައިމު މަންޒަރެއް ޔޫވީ ލައިޓްގެ އެހީގައި ވަނީ ދައްކާލާފަ އެވެ.

ޔުވީ ލައިޓްގެ ދަށުން ފެންނަ ކުރެހުންތަކުގައި މޯލްޑިވްސް- ޗައިނާ ބްރިޖްގެ ފެށޭ ހިސާބުގެ ކުރެހުމަކާއި ދިވެހިރާއްޖޭގެ ޗާޓެއްގެ އިތުރުން ލިޔެލާ ކުރެހުންތަކާއި މަސްމަހާމެއްސާއި ފިނިފެންމަލުގެ ކުރެހުންތައް ހިމެނެ އެވެ.

ޕާސްޕޯޓުގައިވާ މި ކުރެހުންތަކަކީ ގިނަ ދިވެހިންނަށް އަލަށް ފެނުނު ކުރެހުންތަކެވެ. އެހެންކަމުން ވަރަށް ގިނަ ދިވެހިންނަށް މި ވީޑިއޯ ވަނީ ކަމުގޮއްސަ އެވެ. މި ވީޑިއޯ މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ބަލައި 4،000 އަށްވުރެ ގިނަ މީހުން ޝެއާކޮށްފަ އެވެ.

https://vt.tiktok.com/ZSYMqWLrJ/

ދިވެހި ޕާސްޕޯޓަކީ ހަމަލޮލަށް ވެސް ޑިޒައިން ރީތީ ޕާސްޕޯޓެކެެވެ. ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރާއިރު ވެސް އިމިގްރޭޝަން ކައުންޓަރުތަކުގެ މުވައްޒަފުންނަށް ދިވެހި ޕާސްޕޯޓު ރީތިވެގެން އެ ވާހަކަދައްކަ އެވެ.

އިމިގްރޭޝަނުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ތައާރަފުކުރި ދިވެހި އާ ޕާސްޕޯޓު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ، ސަގާފަތާ އަދި ދިވެހި އާދަކާދަތައް ދައްކުވާދޭ މަންޒަރުތަކާ ކުލަތައް ބޭނުންކޮށްގެންނެވެ. އިމިގްރޭޝަނުން ހުށަހެޅި ކޮންސެޕްޓަށް، ޕާސްޕޯޓުގައިވާ ކުރެހުންތަކުގެ އަސްލު ކުރައްސަވާ ދެއްވާފައިވަނީ ހުސައިން އަލިމަނިކެވެ.

މި ޕާސްޕޯޓުގައި ތަފާތު 34 ވައްތަރެއްގެ ސެކިއުރިޓީ ސިފަތައް ޕަސްޕޯޓުގެ އެކި ސަފުހާތަކުގައި ހިމަނާފައިވެ އެވެ. ޕާސްޕޯޓުގެ ޑާޓާ ޕޭޖު ތައްޔާރު ކޮށްފައި ވަނީ ސަލާމަތީގޮތުން ވަރުގަދަ ކުރުމަށް ޕޮލިކާބަން ބޭނުންކޮށްގެނެވެ. ޕޮލިކާބަން އަކީ، ޕާސްޕޯޓާ، އައިޑެންޓިޓީ ކާޑު އަދި ލައިސަންސް ފަދަ އައިޑެންޓީ ޑޮކިއުމަންޓު ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ބޭނުންކުރާ ބާވަތެއްގެ މެޓީރިއަލެކެވެ.

ދިވެހި ޕާސްޕޯޓާ ޕްރިންޓް ކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޑާމަލޯގު އައިޑެންޓިޓީ ސޮލިއުޝަންސް ސިސްޓަމްސް އިންނެވެ.

ދެކުނު އޭޝިއާގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ ގޮތުގައި މިދިޔަ ހަތަރު ވަރަކަށް އަހަރު ވެސް ހިމެނިފައި ވަނީ ރާއްޖޭގެ ޕާސްޕޯޓެވެ.