އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ކޯޓުގައި ކުށް ސާބިތުވެފައިވާ މުޖުރިމެކެވެ. ބިޒިނަސް ރިކޯޑްތައް އޮޅުވައިލުމާއި ޕޯންސްޓާރަކާ އެކު ހިނގި ގުޅުން ފޮރުވުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ދީ، އިލެކްޝަނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ކުށުގައި ދައުވާ ކުރެވުނު 34 ކައުންޓަށް ކުށްވެރިވާ ކަމަށް މައްސަލަ ބެލި ޖޫރީން ވަނީ ނިންމާފަ އެވެ. އެ ނިންމުމާއެކު ޖުލައި 11 ވަނަ ދުވަހު ޓްރަމްޕަށް ހުކުމް ކުރުން އޮންނާނެ އެވެ.

ކުށް ސާބިތު ވުމާއެކު ޓުރަމްޕަށް އަންނާނެ ހުކުމަކާ މެދު އާންމުން ސުވާލު އުފައްދަމުންދާއިރު ކުށުގެ ބާވަތަށް ބަލާއިރު ޖަލު ހުކުމެއް އިއްވުމަކީ ޖަޖަށް ލިބޭ އިޚުތިޔާރެކެވެ. އެހެން ނަމަވެސް އެމެރިކާގެ ގާނޫނާ ބެހޭ މާހިރުން ދެކޭ ގޮތުގައި ޓްރަމްޕަށް އައުން ގާތީ ޖޫރިމާނާއެކެވެ.

ކޮންމެފަދަ ހުކުމެއް އައި ކަމަށް ވިއަސް ޖޫރީންގެ ނިންމުމާއެކު ޓްރަމްޕް ވަނީ ތާރީޚުން ޖާގަ ހޯދާފަ އެވެ. އެމެރިކާގެ ތާރީޚުގައި ކުރީގެ ރައީސަކަށް ވިޔަސް ނުވަތަ ރިޔާސީ ކެންޑިޑޭޓަކަށް ވިޔަސް ޖިނާއީ ދައުވާއެއް އައިސްފައެއް ނުވެ އެވެ. ޓްރަމްޕާ ދެކޮޅަށް ސާބިތުވި މައްސަލައާއެކު އެކު މިހާރު އޭނާއަކީ ކްރިމިނަލް ރެކޯޑް އޮތް މުޖުރިމެކެވެ.

ގާތްގަނޑަކަށް 12 ގަޑިއިރަށް ދެމިގެންދިޔަ އަޑު އެހުމަށްފަހު ޖޫރީން ބަޔާން އިއްވުމާ ގުޅިގެން ޓްރަމްޕް ވަނީ އޭނާގެ ބަސް ކޯޓުގައި އިއްވައިފަ އެވެ. ޓްރަމްޕް ބުނީ މައްސަލަ ވަނީ އޮޅުވާލައިފައި ކަމަށާއި އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުމަށް ބައިޑަންގެ ރޭވުމުގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"އަހަންނަކީ ވަރަށް މައުސޫމު މީހެއް،" ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އަޑުއުފުލަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ މައްސަލައާ ގުޅިގެން އެމެރިކާގެ ރައްޔިތުން ދެބަޔަކަށް ބެހިފައިވާއިރު، ރިޕަބްލިކަން ޕާޓީން ވަނީ ކޯޓުގެ ހުކުމަކީ އެމެރިކާގެ ތާރީޚުގައި ޖެހުނު ބޮޑު ލަތްގަނޑެއް ކަމަށް ބުނެ ޝަރީއަތް އިންސާފު ނޫން ކަމަށް ވަކާލާތު ކޮށްފަ އެވެ. ޓްރަމްޕާ އިދިކޮޅަށް ރިޔާސީ ރޭހަށް ނިކުންނަވާ މިހާރުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައިވާ މީހެއް ނޫންކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

އެމެރިކާގެ ގާނޫނުތައް އޮންނަ ގޮތުން ކޯޓުން ހުކުމެއް އައުމަކީ ރައީސް ކަމަށް ކުރިމަތިލުމަށް އޮންނަ ހުރަހަކަށް ނުވެ އެވެ. އެހެންކަމުން ޓްރަމްޕުގެ ރިޔާސީ ރޭހަށް ކޯޓުން އަންނަ ހުކުމަކުން ހިޔަނި އެޅޭނީ ކުށްވެރިއަކަށް ވޯޓު ދިނުމަށް ވަކި ފަރާތަކަށް ނުޖެހި ތިބި އާންމުން ހިތްހަމަނުޖެހުމުގެ ސަބަބުން ޓްރަމްޕަށް ލިބޭ ވޯޓު މަދުވުމެވެ. އޭގެ އަނެއްކޮޅަކީ ޓްރަމްޕްގެ ސަޕޯޓަރުން ކޯޓާއި ޖަޖުންނާއި ދެކޮޅަށް ޓްރަމްޕާ އެއްކޮޅަށް ކުޅޭނެ ވިކްޓިމް ކާޑުގެ ސަބަބުން ޓްރަމްޕްގެ ސަޕޯޓު އިތުރުވުމެވެ.

އެމެރިކާގެ އާންމުންގެ ޚިޔާލު ހުރިގޮތަށް ބަލާއިރު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމީހުންނަށް އޮތީ އެންމެ ކެންޑިޑޭޓެކެވެ. އެއީ ޓްރަމަޕެވެ. އެއްބަޔަކު ޓްރަމްޕަށް މަރުދޭއިރު އަނެއް ބަޔަކީ ޓްރަމްޕް ދެކެ ރުޅި އަންނަ ޓްރަމްޕް ނޫން މީހަކު ހޯދަން ނިކުންނަ ބައެކެވެ. ސަރުކާރުގެ ސިޔާސަތާއި ހުށަހަޅާ މެނިފެސްޓޯއަކީ މިއިން އެއްބަޔަކަށް ވެސް މުހިންމު އެއްޗެއް ނޫނެވެ. ޚާއްސަކޮށް މިހާރުގެ ރައީސް ޖޯ ބައިޑަން އަކީ އެއްވެސް ހާލެއްގައި މުހިންމު މީހެއް ނޫނެވެ.

ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވުމާއެކު އޭނާ ވަނީ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ޖުލައި 11 ވަނަ ދުވަހު މައްސަލައިގެ ހުކުމް ކޮންމެ ގޮތަކަށް އައި ކަމަށް ވިޔަސް އެ ހުކުމް އެޕީލްކުރުމުގެ ސަބަބުން އެޕީލް ނިމެންދެން ބެއިލް [ކަފާލާތު]ގެ ދަށުން ޓްރަމްޕް މިނިވަން ވާނެ އެވެ.

ހައިކޯޓަށް ހުށަހެޅޭ މައްސަލަ ބެލުމުގެ މަރުހަލާ އެތައް ދުވަހަކަށް ދެމިގެންދާނެ އެވެ. އެހެންކަމުން މި މައްސަލައިގެ ސަބަބުން ޓްރަމްގެ ރިޔާސީ ކެމްޕޭނަށް އެޅޭނެ ހުރަހެއް ނެތެވެ. ޓްރަމްޕްގެ ލޯޔަރުން ބުނާގޮތުގައި ކޯޓުން ކޮންމެ ފަދަ ހުކުމެއް ކަމަށް ވިޔަސް ރިޔާސީ ރޭހުން ޓްރަމްޕް ވަކިވާނެ ގޮތެއް ނޯންނާނެ އެވެ.

ޝަރީއަތް ނިމުމަށް ފަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މައްސަލަ ހިނގައި ދިޔައީ އިންސާފުން ނޫންކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. އެހެންކަމުން ގޮތް ނިންމާނީ ޖަޖުން ނޫން ކަމަށާއި ގޮތް ނިންމާނީ އެމެރިކާގެ ރައްޔިތުން ކަމަށާއި އެކަން ކުރާނީ ވޯޓު ފޮށްޓަށް ލާ ކަރުދާހުގެ ޒަރީއާއިން ކަމަށް އޭނާ ވިދާޅުވި އެވެ.