ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފުރިހަމަ މެންބަރުކަން ފަލސްތީނަށް ލިބުމުން ރާއްޖެ އިން މަރުހަބާ ކިޔައިފި އެވެ.

މިހާރު ކުރިއަށްދާ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި، 101 ގައުމުގެ ވޯޓާ އެކު އެ ޖަމްއިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދޭން ވަނީ ނިންމައިފަ އެވެ. ރާއްޖެއިން ވަނީ މި ވޯޓުގައި ފަލަސްތީނާ އެއްކޮޅަށް ވޯޓު ދީފަ އެވެ.

ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ލިބުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ފަލަސްތީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށެވެ. ރައީސް ވަނީ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށްފަހު، ގައުމުތަކުން ފޮޓޯއަކަށް ހުއްޓިލައިގެން.

ރާއްޖޭން އަބަދުވެސް ވަކާލާތު ކުރާނީ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގައި ފަލަސްތީނަށް އެ ގައުމުގެ އަޑު އުފުލުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ކަމަށާއި މިއީ ހަމަޖެހުމަށް ވެސް މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު 'އެކްސް'ގައި ވިދާޅުވީ ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ދޭން ހުށަހެޅި ގަރާރު ރާއްޖޭން ކޯ ސްޕޮންސާ ކުރި ކަމަށާއި މިއަދު ނިންމި ތާރީހީ ނިންމުމުން ވެސް އެނގެނީ ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް ދުނިޔޭގެ މެޖޯރިޓީ ގައުމުތަކުން ބޭނުންވާކަން ކަމަށެވެ.

ބައިނަލްއަގުވާމީ ހުރިހާ ޖަމްއިއްޔާތަކެއްގައި ވެސް ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބެން ރާއްޖޭން ގޮވާލާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

ސްވިޓްޒަރލޭންޑުގެ ޖެނީވާގައި މިއަހަރު ކުރިއަށް ދިޔަ ޑަބްލިއުއެޗްއޯގެ އަހަރީ ޖަލްސާގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ މި ތާރީހީ ނިނިންމުމާ އެކު، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ރާއްޖޭގެ ރައީސް މުއިއްޒުގެ ފުރިހަމަ ލަފާފުޅާ އެކު އިސްލާމީ ގައުމުތަކާއެކު ވާރލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭން ވެސް ވަރަށް ބޮޑަށް ވަކާލާތުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.