ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި މީހަކު އަތުން ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދެ މީހަކާއި، 36 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެކެވެ. އެ ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަތަރު މީހުންވެސް އިއްޔެގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަަމަށެވެ.
އެކަމާ ގުޅިގެން އިތުރު އެއްވެސް އެއްޗެއް ފުލުހުން ނުބުނެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް-1 ޓަވަރު ކައިރިން މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމުން އާންމުންގެ ބަޔަކު ހިފަހައްޓާފައި ތިބި މީހުންނަކީ އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދަކަށް ފައިސާ ފޭރިފައިވާ ބައެއްކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިފަހުން ވަނީ ހިޔާ ފްލެޓަކަށް އޮޅުވާލައިގެން ފިރިހެނުން ގެންގޮސް ބްލެކް މެއިލްކޮށްގެން އެ މީހުންގެ އަތުން ފައިސާ ހޯދާ މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.