އެ ފިލްމެއްގެ މަތިން ބެލުންތެރިން ދުވަހަކު ވެސް ފޫހި ނުވާ، ކަރަން ޖޯހަރްގެ "ކުޗް ކުޗް ހޯތާ ހޭ" ރިލީޒް ކުރިތާ މިއަހަރަށް 25 އަހަރު ވާނެ އެވެ. އަދިވެސް މިފިލްމަކީ ގިނަ ބައެއްގެ ފެވަރިޓް ފިލްމެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ގެނެސް ދިން "ކުޗް ކުޗް ހޯތާ ހޭ" ގައި ލީޑް ރޯލް ކުޅުނީ ޝާހްރުކް ހާނާއި ކާޖޮލް އާއި ރާނީ މުކަރްޖީ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ސަލްމާން ހާން ކުޅެފައިވެ އެވެ. މި ފިލްމުގައި ކިޔައި ދެނީ ކޮލެޖް ޒުވާނުންތަކެއްގެ ލޯބީގެ ވާހަކަ އެވެ.

ބޮލީވުޑުން މިހާތަނަށް ގެނެސް ދިން އެންމެ ރީތި އަދި އެންމެ ފުރިހަމަ ލޯބީގެ އެއް ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ "ކުޗް ކުޗް ހޯތާ ހޭ" އުފައްދާފައިވަނީ 10 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މިފިލްމަށް ބޮކްސް އޮފީހުގައި ގިނަ ކާމިޔާބީތަކެއް ވަނީ ލިބިފަ އެވެ. މިފިލްމަށް ބޮކްސް އޮފީހުގައި 107 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިގެންދިޔަ އެވެ.

ކުޗް ކުޗް ހޯތާ ހޭގެ ޕޯސްޓަރު

މިހާރު ބޮލީވުޑްގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެކްޓަރު ޝާހްރުކް ޚާން "ކުޗް ކުޗް ހޯތާ ހޭ" ކުޅެދިން އަގު އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

"ކުޗް ކުޗް ހޯތާ ހޭ"ގެ ލީޑް ރޯލުން ފެނިގެންދިޔަ ޝާހުރުކް މިފިލުމު ކުޅެދެން ނަގާފައިވާ މުސާރައަކީ އެއް ކްރޯޑް ރުޕީސް އެވެ. މިއީ މިިފިލްމުގައި އެންމެ ބޮޑު މުސާރައެއް ލިބުނު އެކްޓަރު އެވެ.

https://www.youtube.com/watch?v=bKZTnnFU9HA

އެހެން ނަމަވެސް މިހާރު ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ފިލްމެއް ކުޅެދެން 100 ކްރޯޑް ރުޕީސްއަށް ވުރެން މަތިން މުސާރަ ނަގަ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އަކީ އެ ފިލްމު ރިލީޒް ކުރި އަހަރު ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ. އެގޮތުން ކަރަން އަށް ވަނީ އެންމެ މޮޅު ސްކްރިޕްޓް، އެންމެ މޮޅު ފިލްމު އަދި އެންމެ މޮޅު ޑައިރެކްޓަރުގެ ފިލްމު ފެއާ އެވޯޑް ލިބިފަ އެވެ. މީގެ އިތުރުން ޝާހްރުކަށް އެންމެ މޮޅު އެކްޓަރު، ކާޖޮލް އަށް އެންމެ މޮޅު ބަތަލާ ރާނީ އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާ އަދި ސަލްމާނަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ފިލްމު ފެއާ އެވޯޑް ވެސް ލިބިފައިވެ އެވެ.

ފިލްމު ފެއާގެ އިތުރުން ޒީ ސިނެ އެވޯޑްސް އާއި ސްޓާ ސްކްރީން އެވޯޑްސް އަދި ބޮލީވުޑް މޫވީ އެވޯޑްސްގައި ވެސް "ކުޗް ކުޗް ހޯތާ ހޭ" ވަނީ ގިނަ އަދަދެއްގެ އެވޯޑްތަކެއް ހޯދައިފަ އެވެ. މީގެ އިތުރުން މި ފިލްމަށް ވަނީ 64 ވަނަ ނެޝަނަލް އެވޯޑްގައި ބެސްޓް ފިލްމު ފޮ ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓްގެ އެވޯޑް ވެސް ލިބިފަ އެވެ.

ކްރިޓިކުންނާއި ބެލުންތެރިންގެ ލޯތްބާއި ތައުރީފު އިންތިހާ އަށް އޮހުނު "ކުޗް ކުޗް ހޯތާ ހޭ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، މި ފިލްމުގެ އެނިމޭޓެޑް ވާޝަނެއް ވެސް "ކުޗީ ކުޗީ ހޯތާ ހޭ" ގެ ނަމުގައި 2008 ގައި ހަދަން ފެށި އެވެ. އެކަމަކު ވަކި ހިސާބަކުން އޭގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އަށް ފަހު ކަރަން ވެގެން ގޮސްފައި ވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭގަ އެވެ.