އަންނަ އަޟްހާ އީދާ ގުޅިގެން އެ ހަފްތާ އެއްކޮށް ބަންދު ކަމަށް ސަރުކާރުން ނިންމައިފި އެވެ.

އެ ނިންމުމާއެކު މި މަހުގެ 16 އަށް އަވަސް ވުމާ ގުޅިގެން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ސައުދީ އަރަބިއްޔާއަށް، 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތް ކުރައްވައި، ރާއްޖޭގައި ވެސް 1445ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހަކީ، މިއަދު ކަމަށާއި، އަރަފާތު ދުވަހަކީ ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި، އަދި އަޟްހާ އީދު ދުވަހަކީ، ޖޫން 16 ވާ އާދީއްތަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައެޅުމާ ގުޅިގެން، މި އަހަރުގެ ޙައްޖު ދުވަހާއި، އަޟްހާ އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ، އަޟްޙާ އީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަހު ކަމަށެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން، މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން، އީދު ބަންދުގައި ރާއްޖޭން ބޭރަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާއެކު، އީދު ބަންދަށްފަހު، ޖޫން މަހުގެ 20 ވަނަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ، ޖޫން 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއާއި އެކީ އެ ހަފްތާގެ 7 ދުވަހުގެ އިތުރުން ހުކުރު ހޮނިހިރާއި އެކީ 9 ދުވަސް ބަންދު ވާނެ އެވެ.

ރައީސް އޮފީހުން ބުނީ އީދު ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ 23 ޖޫން ވާ އާދިއްތަ ދުވަހު ކަމަށެވެ.