މެޑްރިޑް (8 ޖޫން) – މި މަހު ޖަރުމަންގައި ފަށާ ޔޫރޯ އަށް ސްޕެއިން އިން ނެގި 26 ކުޅުންތެރިންގެ ސްކޮޑުން ބާސެލޯނާގެ ޕައު ކުބާސީ އާއި އެތުލެޓިކޯ މެޑްރިޑްގެ މާކަސް ލޮރެންޓޭ އަދި ޖިރޯނާގެ އެލެއިކްސް ގާސިއާ ބާކީކޮށްފި އެވެ.
ޔޫރޯ އަށް ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ އެންމެ ފުރަތަމަ ނެގީ 29 ކުޅުންތެރިންގެ ސްކޮޑެކެވެ. އެ ސްކޮޑާއެކު މިދިޔަ ބުދަ ދުވަހު ވަނީ އެންޑޯރާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.
ސްޕެއިންގެ ކޯޗު ޑެލަ ފުއެންޓޭ ބުނީ ތިން ކުޅުންތެރިން ބާކީކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އޭނާ ގޮތް ނިންމީ "ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް އިންސާފުވެރިވާނެ" ގޮތަކަށް ކަމަށެވެ.
"ކުބާސީއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އެކަމަކު ހަމަ ސްކޮޑުގައި މިހާރު ތިބީވެސް ހުނަރުވެރި ކުޅުންތެރިން. ހުރިހާ ކުޅުންތެރިންނަށްވެސް އިންސާފުވެރި ގޮތަކަށް އަހަރެން ކަންތައްކުރާނީ،" ޑެލަ ފުއެންޓޭ ބުންޏެވެ.
ޔޫރޯއަށް ފައިނަލްކުރި 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ނުލިބުނު ކުބާސީ ،17، އަށް މި އަަހަރުގެ އޮލިމްޕިކް ގޭމްސްގައި ސްޕެއިން ތަމްސީލުކުރުމުގެ ފުރުސަތު ލިބިދާނެއެވެ. އޮލިމްޕިކް ސްކޮޑް އަދި އިއުލާނެއް ނުކުރެ އެވެ.
ލޮރެންޓޭ ވަނީ ޔޫރޯ 2020 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ސްޕެއިންގެ ސްކޮޑުގައި ހިމެނިފައެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ލީގުގައި ޖިރޯނާގައި މޮޅު ކުޅުމެއް ދެއްކި ގާސިއާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނީ ދެ މެޗެވެ.
ޔޫރޯގެ ގުރޫޕް ބީގައި ސްޕެއިންއާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ކްރޮއޭޝިއާ އަދި އަލްބޭނިއާ އެވެ.