އިނގިރޭސިވިލާތުގެ އިގްތިސާދު އަލުން ހުޅުވާލާނީ އަންނަ ޖޫން މަހު ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ބޮރިސް ވިދާޅުވީ އެޕްރީލް މަހުގެ މެދެއްހާ ހިސާބުން ފެށިގެން ފިހާރަތަކާއި އެ ބާވަތުގެ ތަންތަނުގެ ހިދުމަތްދޭން ފަށަން ނިންމާފައިވާއިރު އެ ގައުމުގެ އިގްތިސާދު ޖޫން މަހާ ހިސާބުން އެއްކޮށް ހުޅުވާލާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮރިސް ހަތަރު ފައްތަރަކަށް އިގްތިސާދު ހުޅުވުން ބައްސަވާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮންމެ ދެ ފައްތަރެއްގެ ދެމެދުގައި މަދުރެވެން ފަސް ހަފްތާގެ މަޑުކުރަން ޖެހޭނެ ކަމަށެވެ. އެއީ، އޭގެ ސަބަބުން ބަލި ފެތުރުމާއި މީހުން މަރުވާ އަދަދަށް އަންނަ ބަދަލުތައް ދިރާސާކުރުމަށް ކަމަށް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އިގްތިސާދު ވީހާވެސް އަވަހަށް ހުޅުވުމަށް ބޮރިސްއަށް އެކިދިމާލުން ޕްރެޝަރު ކުރެ އެވެ. ސަބަބަކީ ފާރިތުވެދިޔަ 3،000 އަހަރުގެ ތެރޭގައި އެގައުމުގެ އިގްތިސާދު ނުވެއްޓޭފަދަ ބޮޑު އަނދަވަޅަކަށް މިހާރު ވެއްޓިފައި ވުމެވެ.

އެ ގައުމުގެ ސަރުކާރުން ވަނީ ކުރިއަށް އޮތް ހަތަރު ހަފްތާގައި ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ގޭގައިތިބެ ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގައިދުރުކުރުމާއި އެހެނިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ މިންވަރަށް ބަލާފައި ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.

އިނގިރޭސިވިލާތުގެ ތިންވަނަ ލޮކްޑައުންއަށް ލުއި ދިނުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހު ސްކޫލްތައް ހުޅުވާ ހިސާބުންނެވެ. އަދި އެމަހުގެ 29 އިން ފެށިގެން ހަ މީހުންނަށްވުރެ ގިނަ ނުވާނެހެން ނުވަތަ ދެގެއްގެ މީހުނަށް އެއްވެ އުޅެނެ ހުއްދަ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މެއި 17 ވަނަ ދުވަހުންފެށިގެން ސިނަމާތަކާއި އެފަދަ ހިދުމަތްދޭ ތަންތަން ހުޅުވުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ޖޫން 21 އަކީ މި ޕްލޭންގެ ދަށުން އެންމެ އަވަހަށް އިގްތިސާދުއެއްކޮށް ހުޅުވާލެވޭނެ ދުވަހެވެ.