ހަށިގަނޑަށް ބައެއް ވިޓަމިންތައް މަދުން ލިބޭ ނަމަ ލޮލުގެ ސިއްހަތު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ކެޓެރެކްޓްސް އަދި ގްލޯކޯމާ ފަދަ ލޮލުގެ ބަލިތަކުން ރައްކާތެރިވުމަށް މި ވިޓަމިންތައް ވަރަށް މުހިއްމެވެ.

1. ވިޓަމިން އޭ

ހަށިގަނޑަށް އެކަށީގެންވާ ވަރަށް ވިޓަމިން އޭ ނުލިބޭނަމަ ލޮލުގެ ސިއްހަތު ދަށަށް ހިނގައިދާނެ އެވެ. ވިޓަމިން އޭ މަދުުވުމުން ރޭގަނޑު ގަޑީގައި ފެންނަ ސާފުކަންކުޑަވެ، ލޯ ހިކޭ ގޮތްވެ އެވެ. މި ކަމުުން ރައްކާތެރިވުމަށް ވިޓަމިން އޭ އެކުލެވޭ ކާއެއްޗެހި ކެއުން އެއީ މުހިއްމު ކަމެކެވެ. ވިޓަމިން އޭ ހުންނަ ކާބޯތަކެތީގެ ތެރޭގައި ކެރެޓް، ސްވީޓް ޕޮޓޭޓޯ އަދި ޕަންޕްކިން ހިމެނެ އެވެ.

2. ވިޓަމިން އީ

ވިޓަމިން އީ އަކީ ވެސް ލޮލުގައި ކެޓެރެކްޓް އުފެދުމުން ރައްކާތެރިކޮށްދޭ ވިޓަމިންއެކެވެ. ވިޓަމިން އީ ސަޕްލިމެންޓެއް ގޮތުގައި ނެގިދާނެ އެވެ. ކާބޯތަކެތިން ވިޓަމިން އީ ބޭނުންނަމަ، އަލްމަންޑް، ސަންފްލާވާ ސީޑް އަދި ޕީނަޓްސް ކާށެވެ.

3. ވިޓަމިން ސީ

ޔޫވީ ލައިޓުން ލޯ ރައްކާތެރިކުރުމަށް ވިޓަމިން ސީ މުހިއްމު ރޯލެއް އަދާކުރެ އެވެ. އުމުރުން ދުވަސްވާ ވަރަކަށް ލޮލުގައި ހުންނަ ވިޓަމިން ސީ ގެ އަދަދު ދަށްވެ އެވެ. ވިޓަމިން ސީ ގިނަ ކާބޯތެކެތީގެ ތެރޭގައި އޮރެންޖު، ބޮރޮކޮލީ އަދި ބްލެކްބެރީ ހިމެނެ އެވެ.