ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އިންތިހާބުކޮށްފި އެވެ.

ޖޭއެސްސީން ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އެ ކޮމިޝަނުގެ ރައީސް ކަމަށް އެންމެފަހުން ހުންނެވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. އޭނާ އެ ކޮމިޝަނުގެ ރައީސް ކަމަށް ހުންނެވީ 2019 ވަނަ އަހަރުން ފެށިގެން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެންބަރު ރިޒާއަކީ މަޖިލީހުން ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރެވެ. ޖޭއެސްސީ އަށް ރިޒާ އައްޔަން ކުރައްވާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. ޖޭއެސްސީއަށް ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ރިޒާ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުންގެ ސުލޫކީ ކަންކަން ބެލުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކިކުރުމާއި އާ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްތައް މަތިކޮށްފައި އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ، ކޮންމެ ވެރިކަމެއްގައި ވެސް އަމާޒުވާ ތުހުމަތެކެވެ.

ޖޭއެސްސީގައި ދެން ތިއްބަވާ މެމްބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ. އޭގެއިތުރުން ސިވިލްސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ދަށު ކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން އަލީ ޝަރީފާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި އާމިނަތު އުންމު ކުލްސުމް އާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައެޅި އަލީ އަބްދުއްލަތީފް އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަ އެވެ.

ޖޭއެސްސީ މިހާރު އެކުލެވޭ ގޮތް ބަދަލު ކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ހުސައިން ރިޒާގެ އިތުރުން އޭނާގެ ބޭބެ އިބްރާހީމް ރިޒާ ވެސް ވަނީ ޖޭއެސްސީގެ މެމްބަރުކަން ކުރައްވާފަ އެވެ. ހުސައިން ރިޒާއަކީ ކްރިމިނަލް ކޯޓުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.