ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މި ސީޒަންގައި އެތުލެޓިކޯ އަށް ބަދަލުވި ސުއަރޭޒް ،34، ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެހެންކަމުން، ޗެލްސީން ވެސް އޭނާ އަށް ސަމާލުވާނެ ކަމަށް ޓުޗެލް ބުންޏެވެ.

"ސުއަރޭޒް އަކީ ވަރަށް މޮޅު ފޯވަޑެއް. ލަނޑުޖެހުމަށް އޭނާ އެކުރާ ހިތްވަރަކީ ބަދަލުވާ ކަމެއް ނޫން،" ޓުޗެލް ބުންޏެވެ.

އެތުލެޓިކޯގެ ދަނޑުގައި ފުރަތަމަ ލެގު ކުޅެން އޮތް ނަމަވެސް، ކޮވިޑް-19އާ ގުޅިގެން ދަތުރު ފަތުރުކުރުމަށް އޮތް ހުރަސްތަކާއެކު، އެ މި މެޗު ވަނީ ރޫމޭނިއާ އަށް ބަދަލުކޮށްފަ އެވެ.

ޓުޗެލް ބުނީ އެތުލެޓިކޯގެ ދަނޑުގައި މި މެޗު ނުކުޅެވުނު ނަމަވެސް، މިއީ ފަސޭހަ މެޗަކަށްނުވާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު އިމްތިހާނެއް ޗެލްސީ އަށް. އެތުލެޓިކޯ އަކީ މި ލެވެލްގައި ވަރަށް ތަޖުރިބާކާރު ކްލަބެއް،" ޓުޗެލް ބުންޏެވެ. – ބީބީސީ