ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުޞަތަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އެއީ މުސްލިމަކަށް ދުނިޔެމަތީގައި ލިބޭނޭ އެންމެ ބޮޑު އެއް ނިޢުމަތް ކަމާ މެދަކު ޝައްކެއް ނެތެވެ. އަޅުގަނޑުމެން މަސައްކަތްކުރަނީ ސުވަރުގޭގެ ނިޢުމަތް ލިބިގަތުމަށެވެ. ޙައްޖުގެ އަޅުކަމަކީ ފުރިހަމަ ގޮތުގައި އަދާކޮށްފި ނަމަ އެ ސުވަރުގެ ކަށަވަރުވެގެންދާ އަޅުކަމެކެވެ.
އާދެ، ޞައްޙަ ޙަދީޘްގައި ވަނީ الحج المبرور ليس له جزاء إلا الجنة މިފަދައިންނެވެ. މާނައީ، މަބްރޫރު ޙައްޖެއްގެ ސަވާބާއި ދަރުމައަކީ ސުވަރުގެ ނޫން އެއްޗެއް ނޫނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުން މަބްރޫރު ޙައްޖެއްގެ މުރާދަކީ އެ ޙައްޖެއްގައި ފާފަތަކަށް އަރައިނުގަންނަ ޙައްޖެވެ. އަނެއް ބައި ޢިލްމުވެރީން ވިދާޅުވަނީ، އެއީ މާތް ﷲގެ ޙަޟްރަތުގައި ގަބޫލުކުރެއްވިގެންވާ ޙައްޖެވެ. ކޮންމެ ގޮތެއް ވިޔަސް، ހިތްނިޔަތް ޚާލިޞްކޮށް، ފާފަތަކުން ދުރުވެ ހުރެ، ޙައްޖުގެ އަޅުކަން ފުރިހަމައަށް އަދާކުރާން ގަދައަޅައި މަސައްކަތްކުރާ އަދި ފާފަތަކުން ދުރުވެ ހުންނަ މީހަކު ކުރާ ޙައްޖަކީ މާތްﷲގެ ޙަޟްރަތުގައި މަޤްބޫލު ނުވެ ނުދާނޭ ޙައްޖެކެވެ. އަޅުގަނޑުމެން މަސައްކަތްކުރާން ވާނީ އަޅުގަނޑުމެންގެ ޙައްޖަކީ އެފަދަ ޙައްޖަކަށް ހެދުމަށެވެ.
މަބްރޫރު ޙައްޖެއް ކުރުމުގެ ނިޢުމަތް ލިބޭ މީހަކީ އެ މީހެއްގެ ފާފަތައް ވެސް މާތްﷲ ފުއްސަވައިދެއްވާ މީހެކެވެ. ޞައްޙަ ޙަދީޘްގައި ވަނީ من حج فلم يرفث ولم يفسق رجع كيوم ولدته أمه މިފަދައިންނެވެ. މާނައީ، ޙައްޖުވާ ހިނދު ފާފައަށް އަރައިނުގަނެ، މީހުންނާ އަރައިރުންނުވާ މީހާ ޙައްޖުން އެނބުރި އަންނަ ހުށީ އެ މީހެއްގެ މައިމީހާގެ ބަނޑުން އުފަންވިއިރު ހުރި ފަދަ މީހެއް ފަދައިންނެވެ. އެބަހީ، ހުރިހާ ފާފަތަކުން ސާފުތާހިރުވެގެން އަންނަ ވާހަކައެވެ. ފާފައެއް ނެތް މަޢުޞޫމު ކުޑަކުއްޖެއް ފަދައިން އަންނަ ވާހަކައެވެ. މިއީ ކިހައި ބޮޑު ރަޙްމަތެއްތޯއެވެ؟ ކިހައި ބޮޑު ނިޢުމަތެއްތޯއެވެ؟ ދުނިޔެމަތީގައި އަޅަކަށް މިއަށް ވުރެ ބޮޑު ނިޢުމަތެއް، މިއަށް ވުރެ ބޮޑު ރަޙްމަތެއް މިންވަރުވާނޭތޯއެވެ؟
މަބްރޫރު ޙައްޖެއް މިންވަރުވާ މީހާއަށް އެ ލިބެނީ އައު ޙަޔާތެކެވެ. ފާފައެއް ނެތް ޙަޔާތެކެވެ. ޙަޔާތުގެ ޞަފްޙާ އަނެއްކާ ވެސް އެއް ނަންބަރުން ފަށައިގަތުމުގެ ފުރުޞަތެވެ. ޙަޔާތުގެ ދަތުރުނާމާ އައު ޞަފްޙާއަކުން ފަށައިގަތުމުގެ ފުރުޞަތެވެ. މި ނިޢުމަތަށް އެފަދަ މީހަކު އަމިއްލަ ފުރާނައަށް ވުރެ ބޮޑަށް ރައްކައުތެރިވާން ވާނޭކަން ކަށަވަރެވެ. އެ މީހެއްގެ ޙަޔާތުގައި ބާކީ އޮތް ބަޔަކީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުން ފުރިގެންވާ ޙަޔާތަކަށް ހެދުމަށް އެ މީހަކު ޢަޒުމުކަނޑައަޅާންވާނެއެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުން ޙައްޖު ފަދަ ހެޔޮއަޅުކަންތައް މާތް ﷲ ގަބޫލުކުރައްވައިފި ކަމުގެ ޢަލާމާތަކީ އެ މީހެއް އިޞްލާޙުގެ މަގުން ހިނގާން ފެށުމެވެ. އެ މީހަކީ ހެޔޮ ޞާލިޙު މީހަކަށް ބަދަލުވެގެން ދިޔުމެވެ. އެ މީހަކީ ހެޔޮކަންކަމަށް ލޯބިކުރާ، އެ ކަންކަމުގައި އެ މީހެއްގެ ވަގުތު މަޝްޣޫލުކުރާ މީހަކު ކަމުގައި ވެގެން ދިޔުމެވެ. ފާފަތަކުގައި ވަގުތު ހޭދަކުރާ، އަދި ފާފައިގެ އަހުލުވެރިންނާ އެކު، އަދި ފާފައިގެ މާޙައުލުގައި އުޅޭ މީހަކަށް އެފަދަ މީހަކު ވެގެން ނުދިޔުމެވެ. ޙައްޖަށް އައި އިރު އެ މީހަކީ ފާފަވެރިއަކަށް ވިޔަސް، ޙައްޖު ނިމިގެން އެ މީހަކު އެނބުރި ގޮސް އެ ފާފައިގެ ދުނިޔެއާ ނުގުޅުމެވެ.
އެހެންކަމުން، ޙައްޖުގެ މަތިވެރި ނިޢުމަތް ލިބުނު އަޚުންނާއި އުޚްތުން ވިސްނާންވީ ތައުބާވުމަށެވެ. ޢަރަފާތުގެ މާތް ބިމުގައި ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ވި ތައުބާގެ މަތީގައި ދެމިހުރުމަށް ޢަޒުމް ކަނޑައަޅާންވީއެވެ. ކަން އޮންނާންވީ މިހެން ކަމުގައި ވިޔަސް، ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި އުޚުތުން ޙައްޖުން އެނބުރި އައިސް ކުރީގެ ފާފަވެރި ޙަޔާތަށް ދާ ދިޔުމެވެ. ކުރީގައި ކޮށްއުޅުނު ނުބައިކަންތަކުން އެއްކިބާނުވެ އުޅޭ އުޅުމެވެ. ޙައްޖުގެ ކުރީގެ ޙަޔާތާއި ޙައްޖުގެ ފަހު ޙަޔާތާ އެއްވެސް ތަފާތެއް ނެތުމެވެ.
އާދެ، ތެދުވެރި ތައުބާއަކުން ތައުބާވުމަކީ ހަމައެކަނި ފާފަ ފުއްސެވުމަށް އެދި ދެންނެވުމެއް ނޫނެވެ. ތެދެކެވެ. އެއީ ތައުބާގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ޝަރުޠެކެވެ. ދަންނާން ޖެހޭ ކަމަކީ، ތައުބާވުމުގެ ޝަރުޠުތަކުގެ ތެރޭގައި އެ ކުރަމުން އައި ފާފައަކުން ދުރުވެ އެއްކިބާވުން ވެސް ހިމެނޭ ކަމެވެ. އަދި އެނބުރި އެ ފާފަތަކަށް އަރައިނުގަންނާނެ ކަމަށް ޢަޒުމް ކަނޑައެޅުން ވެސް ހިމެނެއެވެ. އަދި މީހެއްގެ ޙައްޤެއް ވާ ނަމަ އެ ޙައްޤެއް އަދާކުރުން ވެސް ހިމެނެއެވެ.
މިއާ އެކު ގަބޫލުކުރާން ޖެހޭ އަނެއް ޙަޤީޤަތަކީ، އާދަމުގެ ދަރީންނަކީ ފާފަކުރެވޭނޭ ބައެއް ކަމެވެ. އެ ކަން ޞައްޙަ ޙަދީޘްގައި ވެސް ބަޔާންވެފައިވެއެވެ. އާދަމުގެ ދަރީންނަށް ޣަފްލަތުގެ ވަގުތު އަންނާނެއެވެ. ކުށްކުރެވޭ ފަހަރުފަހަރު އަންނާނެއެވެ. އީމާންކަން ބަލިކަށިވާ ފަހަރާއި، އީމާންކަން އިތުރުވެ ގަދަވާ ފަހަރު ވެސް އަންނާނެއެވެ. އެއީ އިންސާނާ މާތްﷲ ލައްވައިފައިވާ ޠަބީޢަތުގެ ބައެކެވެ. އިންސާނީ ޠަބީޢަތެވެ. އެހެން ނަމަވެސް، އެއީ ފާފަކުރުމަށް އޮތް އުޒުރެއް ވެސް ނޫނެވެ. މުއުމިނުއަޅާ މަސައްކަތްކުރާން ޖެހޭނީ އޭނާގެ ކަށިން ހިތްވަރު ނެރެގެން ޝައިޠާނާއާ ދެކޮޅަށް ޖިހާދުކުރުމަށެވެ. އޭނާގެ ހަވާނަފްސުގައިވާ ނުބައި އެދުންތަކާ ދެކޮޅަށް ހަނގުރާމަކުރުމަށެވެ. އެދުންތައް މަތަކޮށް، ޝަހުވަތު ހުއްދަ ގޮތުގައި ފުއްދުމަށެވެ. އެހެން އުޅެނިކޮށް، ޣަފްލަތުގައި ފާފައެއް ކުރެވިއްޖެއްޔާ އޭނާއަށް އޮތީ، ވީ އެންމެ އަވަހަކަށް ތައުބާގެ މަގު ޚިޔާރުކުރުމެވެ. އަވަހަށް އެނބުރި ﷲގެ މަގަށް ރުޖޫޢަވުމެވެ.
ހުރިހާ އަޅުކަމެއްގެ ވެސް އެންމެ މައިގަނޑު މަގުސަދަކީ އަޅާއަށް ތަޤްވާވެރިކަން ހާސިލުވުމެވެ. ޙައްޖުގެ މާތް އަޅުކަމުގެ އެންމެ މައިގަނޑު މަގުސަދަކީ އެއީއެވެ. ތަޤްވާވެރިކަން ހާސިލުވުމެވެ. އަދި މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ހާސިލުވުމެވެ. އެ މީހެއްގެ ދުނިޔެވީ ޙަޔާތާއި އުޚްރަވީ ޙަޔާތަށް އެ ކަމުން ނިހާޔަތަށް މަންފާކުރުމެވެ. ޙަޔާތަށް ހެޔޮ ބަދަލުތަކެއް އައުމެވެ. އިޞްލާޙުތަކެއް އައުމެވެ.
ދުޢާއަކީ މާތްﷲ އަޅަމެން އެންމެންނަށް ހެޔޮ ތައުފީޤު މިންވަރުކުރެއްވުމެވެ. وآخر دعوانا عن الحمد لله رب العالمين.