ކާމިޔާބު ސީރީޒް "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އާ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޑްރަގް އޯވާޑޯޒްއެއްގެ ސަބަބުން މަރުވި ކަމަށް ބެލެވޭ މެތިއު ބޭނުންކޮށްފައިވާ ބޭހަކީ ޑޮކްޓަރެއްގެ ބޭސް ސިޓީއާ ނުލާ ނެގޭނެ ބޭސްތަކެއް ނޫނެވެ. އެހެން ކަމުން އެ ބޭސްތައް އޭނާއަށް ލިބުނު ގޮތް ހޯދުމަށް ކުރެވުނު ތަހުގީގުން އިތުރު ނަމެއް މިވަނީ ފެން މަތިވެފަ އެވެ. އެއީ އޭނާއާއެކު ރިހެބިލިޓޭޝަން ސެންޓަރުގައި އުޅުނު އަންހެނެކެވެ.

އެ އަންހެން މީހާގެ ސީދާ ނަން މީޑިއާއަށް ހާމަވެފައި ނުވި ނަމަވެސް ފުލުހުން ވަނީ ބަލައި ފާސްކުރުމުގެ އަމުރަކާއެކު އޭނާގެ ގެއަށް ގޮސް ފާސްކޮށްފަ އެވެ.

މިކަމާ ބެހޭގޮތުން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުގެ އެއްވެސް ބަހެއް މިހާތަނަށް މީޑިއާއަށް ލިބިފައިނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މެތިއު މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖެލަސްގައި އޭނާ ދިރިއުޅެމުން އައި ގޭގެ ބިލިގާއެއްގެ ތެރެއިންނެެވެ.

މެތިއުއަކީ 1994 ން 2004 އަށް ކުރިއަށް ގެންދިޔަ މަޝްހޫރު ކޮމެޑީ ސިޓްކޮމް "ފްރެންޑްސް"ގެ ލީޑު ހަ ތަރިންގެ ތެރެއިން ތަރި އެކެވެ.