ޔޫރޯގައި މިހާތަނަށް ކްރޮއޭޝިއާ އިން ނެރުނު ނަތީޖާތަކުގެ ޒިންމާ ނަގާނެ ކަމަށާއި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި މައްސަލަތައް ހައްލުނުކޮށްފިނަމަ، ކްރޮއޭޝިއާ ކަޓާނެ ކަމަށް އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.

ކްރޮއޭޝިއާ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ސްޕެއިން އަތުން ވަނީ ބަލިވެފަ އެވެ. ދެވަނަ މެޗުގައި އަލްބޭނިއާއެކު ވަނީ އެއްވަރުވެފަ އެވެ. މި ނަތީޖާތަކާ ގުޅިގެން، ޑަލިޗް އަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

ގަދަ 16 ގެ އުންމީދު ދެމެހެއްޓުމަށް މިރޭގެ މެޗުން މޮޅެއް ކްރޮއޭޝިއާ އިން ބޭނުންވެ އެވެ.

ފާޑުކިއުންތަކަށް ޖަވާބުދެމުން ޑަލިޗް ބުނީ ކްރޮއޭޝިއާގެ ދަށް ނަތީޖާތަކުގެ ޒިންމާ އޭނާ ނަގާނެ ކަމަށެވެ. އަދި ޓީމު މޮޅުވާ ދުވަހު "އޭނާ އަކީ މީހަަކަށްނުވިޔަސް" ޓީމު ބަލިވާ ދުވަހުގެ ޒިންމާ ނަގާނެ ކަމަށެވެ.

"މެޑަލް ހޯދާއިރު އަހަންނަކީ އެއްވެސް މީހެއް ނޫން. ހަމަ ނަމަކަށް ހުންނަ މީހެއްގެ ގޮތުގައި ސިފަކުރަނީ. އެކަމަކު އެއީ ކްރޮއޭޝިއާގައި އެކަން އޮންނަ ގޮތް،" ޑަލިޗް ބުންޏެވެ.

ކްރޮއޭޝިއާ އިން ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން ފަސް ލަނޑު ކޮޅަށް ވައްދާލައިފައެވެ.

ޑަލިޗް ބުނީ އިޓަލީއާ ދެކޮޅަށް ކުޅޭއިރު، ޑިފެންސްގައި ހުރި މައްސަަލަތައް ހައްލުކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ކްރޮއޭޝިއާ ދާންޖެހޭނީ ރަށަށް ކަމަށެވެ.

ކްރޮއޭޝިއާގެ މިނިވަން ދައުލަތެއް 1990 ވަނަ އަހަރު ޤާއިމްކުރި ފަހުން އިޓަލީއާ ދެކޮޅަށް 8 މެޗު ކުޅެފައިވާޢިރު ކްރޮއޭޝިއާ ބައްޔެއްނުވެ އެވެ.