މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނީ އެކަށީގެންވާ އަގެއްގައި މަސް ގަނެގެން ކަމަށާއި، މަސް ގަންނަ އަގު ދަށްކުރަން ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ހުރުމުން މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖާ ގުޅިގެން އެކަން ހައްލުކުރަން ސަރުކާރުން ހައްލެއް ހޯދައިދިނުމަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނާޒިމް މިއަދު ވިދާޅުވީ މިފްކޯއިން މިހާރު މަސް ގަންނަމުން އަންނަ އަގަކީ އެ ކުންފުންޏަށް ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިން ބާނާ މަސް މިފްކޯއަށް ގަނެވޭނީ އެކަށީގެންވާ އަގެއްގައި މަސް ގަނެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީގެ ކުލަތަކާއި ރޮނގުތައް ފަހަނައަޅައި އަޅުގަނޑުމެން އެބަޖެހޭ ހަގީގަތް ގަބޫލުކުރާ ބަޔަކަށްވާން. ބާރަ ރުފިޔާއަށް ވިޔަސް 15 ރުފިޔާއަށް ވިޔަސް ދެވެން އޮތް އަގެއްގައި ދެކޮޅު ޖެހޭ އަގެއްގައި މިކަން ކުރީމާ މަސްވެރިންނަށް ލާރިކޮޅު ބަރާބަރަށް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯއިން މަސް ގަންނަން ހަމަޖައްސާފައި ވަނީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި އެ ކުންފުންޏަށް ކޮންމެ ކިލޯއަކުން 8ރ. ގެ ގެއްލުންވާ ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ނުދެވެނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމުގެ ހާލަތު ހުރިގޮތުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"މިހާރު ގަނެފައި ހުރި މަހަށް އެއްބަސްވެފައި އޮތް އަގު ވީ އެންމެ އަވަހަކަށް ދޭން ވާނެ. އެހެން ނަމަވެސް ފައިސާ ހުރި ނަމަ މިހާރު މި ފައިސާ އޮތީހީ ދީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މަސްވެރިންގެ އާބާދީއަކީ 17،000 މީހުންނެވެ. އޭގެ ތެރެއިން 3700 މަސްވެރިންނަކީ ކަންނެލި މަސްވެރިންނެވެ. އަދި މަސައްކަތް ކުރާ އާބާދީގެ 17،000 މީހުންނަށް އެކަނި ބޮޑު ސަބްސިޑީއެއް ދިނުމަކީ އިޖްތިމާއީ ގޮތުން ބެލިޔަސް، ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިވިލް ސާވަންޓުގެ ތެރޭގައި ވެސް 35،000 މީހުން އެބަތިބި. ރިސޯޓުތަކުގައި މަސައްކަތް ކުރާ 15،000 މީހުން އެބަތިބި. އެކަމަކު އަޅުގަނޑުމެން ސަބްސިޑީ މި ދެނީ 17،000 މަސްވެރިންނަށް. މިއީކީ އެއްގޮތަކަށް ވެސް އިންސާފެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.