މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް(މިފްކޯ)ގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) މިއަދު އިއުލާންކޮށްފި އެވެ.

ޕީސީބީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހު 14:00 އާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މަދުވެގެން އަށް އަހަރު މަސްވެރިކަމާ ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހެ އެވެ. އަދި އެފަރާތަކީ މަދުވެގެން ހަތަރު އަހަރު މަސްވެރިކަމާ ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާވެސް ހުރި ފަރާތަކަށް ވާން ޖެހޭ ކަމަށް ޕީސީބީގެ އިއުލާންގައި ބުނެފައިވެ އެވެ.

ޕީސީބީން މިފްކޯއަށް އައު ސީއީއޯއެއް ހޯދަން އިއުލާންކޮށްފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހް ރަޝީދު އެމަގާމުން މިދިޔަ މޭއި މަހު ވަކިކުރުމަށް ފަހު އެވެ. މަގާމުން ވަކިކުރުމުގެ ކުރިން ޝަމާހް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފަ އެވެ. އޭނާ މަޤާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯ / އެމްޑީ އިން ހޯދަން އާންމުކޮށް ޕީސީބީން އިއުލާނެއް ނުކުރެ އެވެ. އެ މަގާމުތަކަށް އައްޔަންކުރަނީ ސަރުކާރުން އެ ތަނަށް ނަން ފޮނުވާ ބޭފުޅުންނެވެ.

މިފްކޯ އަށް ސީއީއޯއެއް ހޯދަން އިއުލާން ކުރިއިރު އެ ކުންފުނީގެ މާލީ ހާލަތާ މެދު ކަންބޮޑުވުންތަކެއް އެބަ އޮތެވެ. އަދި މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި ކުންފުންޏާ ދެކޮޅަށް މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.