މިއުނިކް (27 ޖޫން) – ޔޫރޯގެ ގުރޫޕް އީގައި ރޫމޭނިއާ އާއި ސްލޮވާކިއާ މިރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ބެލްޖިއަމް އާއި ޔޫކްރޭން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި ނަތީޖާތަކާއެކު މި ގުރޫޕް އެއްވަނަ ހޯދީ ރޫމޭނިއާއެވެ. ދެވަނަ ބެލްޖިއަމް ހޯދިއިއިރު، ސްލޮވާކިއާވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ. ޔޫކްރޭން ވަނީ މުބާރާތުން ކަޓައިފަ އެވެ.

މުބާރާތުގެ ކުރިން ހީކުރި ގޮތާ ހިލާފަށް، ޔޫރޯގެ ގުރޫޕް ސްޓޭޖުގައި އެންމެ ވާދަވެރިކޮށް ދިޔައީ ގުރޫޕް އީ އެވެ. މި ގުރޫޕްގެ މެޗުތައް ނިމުނުއިރު، ހުރިހާ ޓީމެއް ވެސް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

މިއީ ޔޫރޯގެ ދިގު ތާރީހުގައި އެއް ގުރޫޕެއްގެ ހަތަރު ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވި ފުރަތަމަ ފަހަރެވެ.

ބެލްޖިއަމްގެ ލުކާކޫ (ވ)ގެ ހަމަލާއެއް ދިފާއުކުރުމަށް ޔޫކްރޭންގެ ގޯލްކީޕަރު މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ "ސަޕްރައިޒް" ޓީމު ކަމަށްވާ ރޫމޭނިއާގެ 16 އަހަރުގެ އިންތިޒާރު ނިމުމަކަށް

މި ގުރޫޕްގެ "ސަޕްރައިޒް" ޓީމު ކަމަށްވާ ރޫމޭނިއާ ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ގަދަ 16 ކަށަވަރުކުރީ ހަތަރު ޕޮއިންޓާއެކު، ޖެހި ގޯލުގެ ތަފާތުންނެވެ. މިއީ 16 އަހަރުގެ ތެރޭގައި ރޫމޭނިއާ ޔޫރޯގެ ނޮކްއައުޓް ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ސްލޮވާކިއާ އާއި ރޫމޭނިއާ މިރޭ ބައްދަލުކުރި މެޗަށް ދެ ޓީމު ނިކުތްއިރު ވެސް، ޕޮއިންޓަކާއެކު ގަދަ 16 ކަށަވަރުކުރެވޭނެކަން ދެ ޓީމަށް ވެސް އެނގެ އެވެ.

މި މެޗުގައި ސްލޮވާކިއާ އިން ލީޑު ނެގީ އޮންޑްރެޑް ޑޫޑާ ޖެހި ލަނޑުންނެވެ. އެކަމަކު ރޫމޭނިއާއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ރަޒްވާން މަރިން ވެސް މެޗުގެ 37 ވަނަ މިނިޓުގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ސްލޮވާކިއާ ގަދަ 16 އިން ޖާގަ ހޯދީ ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ރޫމޭނިއާ އާއި ސްލޮވާކިއާ ގަދަ 16ގައ ކުޅެންޖެހޭ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ގުރޫޕް އެފްގެ ފަހު މެޗުތަކަށްފަހު އެވެ.

ބެލްޖިއަމް ފުއްދާލަން ޖެހުނީ ދެވަނައަށް، ގަދަ 16ގައި ފްރާންސްއާ ދެކޮޅަށް

މި މުބާރާތަށް ނިކުތްއިރު، މި ގުރޫޕްގެ ފޭވަރިޓުންގެ ގޮތުގައި އޮތީ ބެލްޖިއަމްއެވެ. އެކަމަކު މިރޭ ޔޫކްރޭންއާ ލަނޑެއް ނުޖެހި އެއްވަރުވެ، ބެލްޖިއަމް ދިޔައީ ގުރޫޕްގެ ދެވަނައަށެވެ. ގަދަ 16ގައި ބެލްޖިއަމް ނުކުންނާނީ މުބާރާތުގެ ފޭވަރިޓެއްކަމަށްވާ ފްރާންސްއާ ދެކޮޅަށެވެ.

މުޅި މެޗުގައި ވެސް ފެނިގެންދިޔައީ މަދު ހަމަލާތަކެކެވެ. ޔޫކްރޭން އިން ބެލްޖިއަމް ހިފެހެއްޓުމުގައި ކާމިޔާބު ހޯދި ނަމަވެސް، ލަނޑެއް ބޭނުންވި ވަގުތުތަކުގައި އެޓޭކްގައި ތަފާތެއް ނުދެއްކުނެވެ.

ޔޫކްރޭން ވެސް ހަތަރު ޕޮއިންޓާއެކު އޮތް ނަމަވެސް، އެ ޓީމު ދިޔައީ ގުރޫޕްގެ ފުލަށެވެ. މިއީ ޔޫރޯގެ ޓީމުތައް އިތުރުކުރި ފަހުން، ހަތަރު ޕޮއިންޓް ހޯދައިގެން ވެސް ނޮކްއައުޓް ބުރަށް ޓީމެއް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.