ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ގޮތް ހުސްވުމުން ޓެކްސްތައް ބޮޑުކުރަން ނިންމަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންގައިގެން ކަމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ޓެކްސް ބޮޑުކުރަން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޝަފީގު ވިދާޅުވީ ސަރުކާރުން ޓެކްސް ރޭޓަށް ބަދަލު ގެންނަން ނިންމާފައިވަނީ ވޯލްޑް ބޭންކް އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެގޮތަށް ލަފާދީފައިވާތީ ކަމަށެވެ. އަދި ޓެކްސް މުރާޖައާ ކުރުމަކީ ގަވާއިދުން ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށާއި ޓެކްސް މުރާޖާ ކުރުމަކީ ޓެކްސް ބޮޑުކުރުން ނުވަތަ ކުޑަކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ޓެކްސް މުރާޖާ ކުރުމުން ގައުމުގެ އިގްތިސާދަށް އަންނަ ބަދަލުތަކާއެކު ބޮޑު ކުރަން ޖެހޭތޯ ނުވަތަ އިތުރަށް ޓެކްސް ކުޑަ ކުރަން ޖެހޭތޯ އެނގިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން މުރާޖާކުރަން ހުށަހަޅާފައިވާ ޓެކުހުގެ ތެރޭގައި ޓެލެކޮމް އޮޕަރޭޓަރުންގެ ޚިދުމަތްތަކުން ނަގާ ފީ އާއި، ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިމުކުލި ފަދަ ދާއިރާތައް ހިމެނެ އެވެ. މީގެ އިތުރުން ދުންފަތާއި، ރަލާއި އޫރުމަސް ފަދަ ޚާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ވެސް ހިމެނޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
"ރިވިއު ކުރުމަކީ ބޮޑު ކުރުމެއް ވެސް ނޫން އަދި ކުޑަކުރުމެއް ވެސް ނޫން. ރިވިއު ކުރީމަ އެނގޭނީ މިހާރު ނަގަނީ އެންމެ ރަނގަޅު އަދަދުތޯ. މިހާރު ޓެކްސް އިންޓްރޮޑިއުސްކޮށްފައި ހުރީމަ އިގްތިސާދަށް ކުރާ އަސަރު ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ނަގާފައިވާ ލޯނުތައް ނުދެއްކި ގައުމު ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު މާލީ އިދާރާތަކުން ދޭން ފެށުމުން، ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފަ އެވެ. އެގޮތުން މިއަހަރު ކުރީކޮޅުން ފެށިގެން މިހާތަނަށް ވެސް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.
މީއާއެކު ދައުލަތައް ލިބޭ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ، ގްރީން ޓެކްސްގެ އިތުރުން އެމްޕޯޓް އެކްސްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމައިފަ އެވެ.
މީގެ އިތުރުން ޓެކްސް ބޭސް ބޮޑުކުރުމަށް ހިމަނާފައިވާއިރު ޝަފީގު ވިދާޅުވީ ސަރުކާރުން މިކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ސަރުކާރުން ވަނީ ދައުލަތަށް ވަންނަ އާމްދަނީއާއި ގުޅުން ހުރި ގާނޫނުތައް އިސްލާހުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިވިއު ކުރުމަކީ އަމާ ހަދާން ކުރުން. ރައްޔިތުންގެ ދިޔަ ފެލައިގެން ސަރުކާރު ހިންގަން ޖެހެނީ ރައްޔިތުން ނިކުމެ ދީނީ ރައީސް ބާލަންވީ.