ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒަމީރު، ގުޓެރޭސްއާ އެކީގައި ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ދާދި ފަހުން ބޭއްވި ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ގައި އެއްބަސްވެވުނު ކަންތައްތައް ވީ އެންމެ އަވަހަކަށް ތަންފީޒުކުރުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތައް ހިމެނޭ ކަމަށެވެ.

ކުދި ގައުމުތަކުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ. ގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ގުޓެރޭސް ދެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ގުޓެރޭސް ވަނީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ހޯދައި ދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިން އިސްވެ ކުރަމުންދާ ވަކާލާތު ފާހަގަކުރައްވައި، އެ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.

ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޒަމީރު މިއަދު ވަނީ އދ.ގެ ބައެއް އިސްވެރިންނާއި ސަފީރުންގެ އިތުރުން އެ ސިޓީ އާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ވަނީ ބައްދަލުކުރައްވައި، އެ ކަމުގެ މަޝްވަރާތަކާއި މައުލޫމާތުތައް ކުރައްވައިފަ އެވެ.