ޑޯޓްމަންޑް (29 ޖޫން) – ޔޫރޯގެ ގަދަ 16ގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނާ ދެކޮޅަށް ޑެންމާކް މިރޭ ނުކުންނައިރު، މި މެޗުން މޮޅުވުމަކީ ޖަރުމަނަށް ފަސޭހަކަމަކަށް ނުވާނެ ކަމަށް ޑެންމާކްގެ ކޯޗު ކެސްޕާ ހުލްމަންޑް ބުނެފި އެވެ.
ގަދަ 16ގައި މި ދެ ޓީމު ނުކުންނައިރު، މި އަހަރުގެ ޔޫރޯ މި ދެ ޓީމު އަދި މެޗަކުން ބަލިނުވެ އެވެ.
މި މެޗަށް ކުރިމަތިލާއިރު، ޖަރުމަން ފޭވަރިޓުންގެ ގޮތުގައި އޮތް ނަމަވެސް، ހުލްމަންޑް ބުނީ ޖަރުމަނަކީ މޮޅު ޓީމެއް ކަމަށް ގަބޫލްކުރާ ކަމަށެވެ. އެކަމަކު ޑެންމާކް ބަލިކުރެވޭނީ މިރޭގެ މެޗުގައި ޖަރުމަނުންވެސް ވަރަށް މޮޅު ކުޅުމެއް ދައްކައިގެން ކަމަށެވެ.
"ޖަރުމަންގެ ޓީމުގައި ކޮލިޓީ އާއި ހުނަރު އެބަހުރި. އަދި ގުރޫޕް ސްޓޭޖުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު ޑެންމާކްގެ ޓީމުގައި ކޮލިޓީ އާއި ހުނަރު އެބަހުރި. ޖަރުމަނަށް އަހަރަމެން ބަލިކުރެވޭނީ ވަރަށް މޮޅު ކުޅުމެއް ދައްކައިގެން،" ހުލްމަންޑް ބުންޏެވެ.
ޖަރުމަނާއި ޑެންމާކް ވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މިހާތަނަށް ހަތަރު ފަހަރު ބައްދަލުކޮށްފަ އެވެ. ކޮންމެ ޓީމެއް ވެސް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. މުބާރާތެއްގައި ނޮކްއައުޓް ބުރުގައި މި ދެ ޓީމު އެންމެ ފަހުން ކުޅުނީ 1992 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލްގަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޑެންމާކެވެ.
މެޗުގެ ކުރިން ޖަރުމަންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ޑެންމާކް އަކީ ވަރަށް "އޯގަނައިޒްކޮށް" ކުޅޭ ޓީމެއް ކަމަށެވެ.
"ޑެންމާކަކީ ޑިފެންސްގައި ވަރަށް ވަރުގަދައަށް ކުޅޭ ޓީމެއް. އަދި ވަރަށް އަވަހަށް އެޓޭކްތައްވެސް އުފައްދާ ޓީމެއް. ޑެންމާކްގައި ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި. ހަމަ ޔަގީނުންވެސް ޑެންމާކަކީ ކުޅެން އުނދަގޫ ޓީމެއް،" ނާގެލްސްމަން ބުންޏެވެ.
މި މެޗުގެ ކުރިން އެންމެ ގަދައަށް ދެކެވެމުންދާ ވާހަކައަކީ ޖަރުމަންގެ ފޯވަޑް ނިކްލަސް ފުލްކްރޫގް މިރޭގެ ފުރަތަމަ 11ގައި ކުޅުމުގެ ފުރުސަތު އޮތުމެވެ. މި މުބާރާތުގައި ފުލްކްރޫގް އަދި މިހާތަނަށް ކުޅެފައިވަނީ ޖުމްލަ 73 މިނިޓެވެ. އެކަމަކު އޭނާ ވަނީ ދެ ގޯލު ޖަހައިފައެވެ. އެހެންކަމުން، މިރޭގެ މެޗުގައި ފުލްކްރޫގް ފުރަތަމަ 11 އިން ޖާގަ ދޭނެ ކަމަށް ބެލެވެ އެވެ.
ނާގެލްސްމަން ބުނީ ޓީމުގެ 11ގައި ކުޅޭނެ ކުޅުންތެރިން ކޯޗިން ޓީމުން މަޝްވަރާކޮށްގެން ނިންމާނެ ކަމަށާއި ވަކި ވާހަކަތަކެއް އަޑުއަހައިގެން ގޮތް ނުނިންމާނެ ކަމަށެވެ.
މި މެޗަށް ނުކުންނައިރު، ޑެންމާކްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ކުޅެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ. އަދި އެ ޓީމުގެ މޯޓެން ހިއުލްމަންޑަށް ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ.
އަނިޔާގެ މައްސަލައަކާ ގުޅިގެން ޖަރުމަންގެ މުހިންމު ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ މި މެޗަށް ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތެވެ. ޖަރުމަންގެ ޓްރެއިނިންގައި ރޫޑިގާ އަލުން ބައިވެރިވާން ފެށީ ހުކުރު ދުވަހުއެވެ. އަދި ޖަރުމަންގެ ޑިފެންޑަރު ޖޮނަތަން ޓާ ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ.