ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގަ އެވެ. އަދި މިކަރުދާހުގައި ހުށަހަޅާފައިވާގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއްގައި (ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި) ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް މި ކަރުދާހުގައި ހިމަނާފައިވެ އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ކުށްކުރާ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ކ. މާފުށީގައި އިސްލާހިއްޔާގެ ނަމުގައި މަރުކަޒެއް ހިންގި އެވެ. ނަމަވެސް އެތަން ދެހާހުގެ ކުރީކޮޅުގައި ވަނީ އުވާލައްވައިފަ އެވެ.