ފުލުހުންނާއި ސިފައިން ގުޅިގެން މާފުށީ ޖަލުގައި މިއަދު ހިންގި އޮޕަރޭޝަނުގައި 29 ފޯނާއި ހަތަރު ބަނގުރާ ފުޅި ހޯދައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި އޮޕަރޭޝަންގައި މާފުށީ ޖަލުގެ އަށް ޔުނިޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ޔުނިޓުތަކުން ފޯންތަކާއި ބަނގުރާ ފުޅީގެ އިތުރުން 17 ޗާޖަރާއި، 12 ހެޑްސެޓާއި، ތިން ޕެންޑްރައިވާއި ތިން އިއާޕޮޑާއި، ތިން ކޭބަލާއި ދެ ސިމް ކާޑު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި ޖުމުލަ 304 އޮފިސަރުން ބައިވެރިވި އެވެ.

ފުލުހުން ބުނީ މާފުށީ ޖަލު ބަލައިފާސްކުރުމަށް ހިންގާ މި އޮޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ޖަލަށް އެތެރެކުރަމުންދާ ތަކެތި އަތުލައި، ގާނޫނާއި ގަވާއިދާ ހިލާފަަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

ޖަލުތަކަށް މަސްތުވާތަކެއްޗާއި ވެއްދުން މަނާތަކެތި ރިޝްވަތު ނަގައިގެން ވައްދާ 18 ޕްރިޒަން އޮފިސަރެއް ދެނެގަނެ އެ މީހުންނާ ގުޅޭ ތަހުގީގު ވަނީ ފަށައިފަ އެވެ. އެ މީހުންގެ އެކައުންޓަށް ރިޝްވަތުގެ ގޮތުގައި ޖުމްލަ 73 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެތެރެއިން 13 އޮފިސަރަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން 11 މީހަކު ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.