ވޮޝިންޓަން (ޖުލައި 1) - އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތައް ފޮރުވުމަށް ޣައްޒާގައި ޝަހީދުވާ މީހުންގެ އަދަދު ހާމަނުކުރަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޯޓު ދީފި އެވެ.

އިޒްރޭލުން ޝަހީދުކޮށްލި ފަލަސްތީނުގެ ޣައްޒާ މީހުންގެ ޢަދަދު ހާމަނުކުރުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިހަފްތާގައި ވޯޓު ދީފައި މިވަނީ، އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ޖަރީމާތަކުގެ ޙަޤީޤަތްތަށް އޮޅުވާލައި އިޒްރޭލަށް ވާގިވެރިވުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ފާސްކުރި ބިލަށް 269 - 144 ތާއީދުކޮށް ނެގި ވޯޓަކީ، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާ އިޒްރޭލުގެ އަނިޔާވެރިކަމުގައި ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ދެނެގަތުމަށް އިންޓަނޭޝަނަލް އެފެއާޒް ބަޖެޓުން ފައިސާ ބޭނުން ކުރުން ސްޓޭޓް ޑިޕާޓްމަންޓަށް މަނާކޮށް، ނުވަ މަސް ދުވަސްވީ އިޒްރޭލުގެ ޖަރީމާތައް ސިއްރުކޮށްދޭނެ ބިލެކެވެ.

ޑިމޮކްރެޓިކް ޕާޓީގެ 62 މެމްބަރުންނާއި ރިޕަބްލިކަން ޕާޓީގެ 207 މެމްބަރުންގެ ތާއީދާއެކު، މި އިސްލާހު ފާސްކޮށް ސެނެޓަށް ފޮނުވުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މި ބިލު ސެނެޓުން ފާސްކޮށްފިނަމަ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި 37،765 މީހުން ޝަހީދުކޮށް، މިހާތަނަށް 86،429 މީހުން ޒަޚަމްކޮށްލާފައި ވާކަން އެމެރިކާ ސަރުކާރަށް ޤަބޫލުކުރުން މަނާވާނެ އެވެ.

މި ވޯޓަކީ ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ މިންވަރާ ގުޅޭ ހަގީގަތްތައް އިތުރަށް ސެންސަރު ކުރުން ކަމަށް ގިނަ އޮބްޒާވަރުންނާއި ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފާޑުކިޔާ މީހުންގެ ތެރޭގައި ފަލަސްތީން- އެމެރިކާގެ ކޮންގްރެސްވުމަން ރާޝިދާ ތާލިބު ހިމެނިވަޑައިގަންނަވަ އެވެ. 1948 ވަނަ އަހަރުން ފެށިގެން ފަލަސްޠީނު މީހުން ނައްތާލައި، ފަލަސްޠީނުގެ ރައްޔިތުން ނެތިކޮށްލުމަށް، ޗެމްބަރުގައި ގުޅިގެން މަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށް ރާޝިދާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޗެމްބަރުގައި ފަލަސްތީނާ ދެކޮޅު ނަސްލީ ތަފާތުކުރުން ކުށްވެރިކުރައްވާ ރާޝިދާ ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަކީ ތިބި ބައެއްކަން ގަބޫލުކުރަން ވެސް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްގެ މެމްބަރުން އެއްވެސް ހާލެއްގައި ބޭނުންނުވާ ކަމަށެވެ.