އިންޑިއާގައި އެންމެ ގަޔާވާ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބިރިޔާނީ އަކީ އިންޑިއާގެ ކޮންމެ ރެސްޓޯރެންޓެއްގައި ވެސް ގާތްގަނޑަކަށް ލިބެން ހުންނަ އެއްޗެކެވެ. އަދި މަގުމަތީގައި ކާބޯތަކެތި ވިއްކާ ވިޔަފާރިވެރިން ވެސް ތައްޔާރުކޮށްގެން ވިއްކާ މަގުބޫލު ކެއުމެކެވެ.
އެހެން ނަމަވެސް މިފަހަރު މިއޮތީ ބިރިޔާނީގެ މީރު ވާހަކައެއް ނޫނެވެ.
އިންޑިއާގެ ހައިދަރުއާބާދުގެ މަޝްހޫރު ރެސްޓޯރެންޓަކުން މީހަކު ގެނައި ބިރިޔާނީއަކުން މިވަނީ ޕްލާސްޓިކް ފެނިފަ އެވެ.
ޒެލާނީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހައިދަރުއާބާދުގެ މެހެލިފް ރެސްޓޯރެންޓުން އޭނާ އޯޑަރުކުރި ބިރިޔާނީއަކުން ޕްލާސްޓިކް ފެނިފައިވާ ކަމަށެވެ.
އޭނާ ވަނީ މިޕޯސްޓްގައި ބިރިޔާނީ ތެރެއިން ފެނުނު ޕްލާސްޓިކް ފެންނަ ވީޑިއޯއެއް ވެސް ހިއްސާ ކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިދިނުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
ބިރިޔާނީއިން ޕްލާސްޓިކް ފެނިފައިމިވަނީ ހަމަ އެ ރެސްޓޯރެންޓުން އޯޑަރު ކުރި ބިރިޔާނީގައި ސޭފްޓީ ޕިނެއް ފެނުނު ތަޖުރިބާ އެހެން ކަސްޓަމަރަކު ހިއްސާކުރިތާ އެންމެ ދެ ދުވަސް ފަހުންނެވެ.
ދާދި ފަހުން ހައިދަރުއާބާދުގައި ހުންނަ މަޝްހޫރު ރެސްޓޯރެންޓް ޗެއިންތަކުން ބިރިޔާނީ އާއި އެހެނިހެން ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރުކަމަށް އިސްކަން ނުދޭތީ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
މިމައްސަލަތައް ފެންމަތިވުމާއި ގުޅިގެން ފުޑް ސޭފްޓީ ޑިޕާޓްމަންޓުން އަންނަނީ ހައިދަރުއާބާދުގެ ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ސާފުތާހިރުކަމާއެކުތޯ ބަލަމުންނެވެ.