ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ޚާންއަށް އެ ގައުމުގެ ރާވަލްޕިންޑީ ސިޓީގެ ހާއްސަ ކޯޓަކުން ކަފާލާތުގެ ދަށުން އެއް މައްސަލައަށް ލުއި ލިބިއްޖެ އެވެ.
ފެބްރުއަރީ މަހު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބާ ދިމާކޮށް އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވި އިމްރާން ޚާންގެ މައްޗަށް ބައެއް މައްސަލަތަކުގައި ކުށް ސާބިތުވި ނަމަވެސް އދ.ގެ ހިއުމަން ރައިޓްސް ވޯކިން ގްރޫޕަކުން ހޯމަ ދުވަހު ބުނެފައި ވަނީ އިމްރާން އާބިޓްރަރީ ކޮށް ޖަލަށްލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.
އިމްރާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ޚާން އަށް ކުރާ ކޮރަޕްޝަންގެ ތުހުމަތަކީ ތައުލީމީ މަރުކަޒެއް ކަމަށްވާ އަލް ގާދިރު ޔުނިވާސިޓީ އުފެއްދުމުގައި ލޭންޑް ޑިވެލޮޕަރެއްގެ ފަރާތުން މާލީ މަންފާ ހޯދުމެވެ. މި ދައުވާ އަށް އިމްރާން ޚާންގެ ދެކަނބަލުން ވަނީ އިންކާރު ކުރައްވާފަ އެވެ.
ކާފާލާތުގެ ދަށުން ބުޝްރާ ޚާން މި މައްސަލައިން ސަލާމަތްވި ނަމަވެސް ގާނޫނާ ހިލާފަށް ކައިވެނި ކުރި މައްސަލައިގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހުންނާނީ ޖަލުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިމްރާނާއި އޭނާގެ ޕާޓީން ބުނަނީ އެ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އޭނާ ވެރިކަމަށް ވަޑައިގަތުމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ދައުވާ ކަމަށެވެ.
މިދިޔަ މަހު ޕާކިސްތާނުގެ ކޯޓުން ވަނީ ދައުލަތުގެ ސިއްރުތައް ލީކުކޮށްލި ކަމުގެ ތުހުމަތުގައި އިމްރާން ޚާންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް، ގާނޫނާ ހިލާފަށް ދައުލަތުގެ ހަދިޔާ ހޯދުމާއި ވިއްކުމުގެ ދެ މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ސަސްޕެންޑްކޮށްފަ އެވެ.
ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންއާއި ދެކޮޅަށް މިހާރު ވެސް ދަނީ އިތުރު އެތައް ތުހުމަތުތަކެއް ކުރަމުންނެވެ.