ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަކީ ގައުމަށް ގައްދާރުވި މީހެއް ކަމަށާއި އަމީރު ހައްޔަރު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
މެންބަރު ސަލީމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ވޭތުވެދިޔަ ތިން ދައުރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިންނެވި މެންބަރެއްގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ގައުމުގެ އިގްތިސޯދަށް ގެއްލުންވާ ގޮތަށް ލޯނުތައް ނުނެގުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
"އެހެންވީމާ މިއީ ގައުމަށް ގައްދާރުވީ މީހެއް. ގައުމަށް ގައްދާރުވީ މީހެއްގެ ގޮތުގައި މީނާ އެބަ ޖެހޭ ހިފާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން. އެހެން ނޫންނަމަ ދެން އަންނަ ވަޒީރުން ވެސް މިގޮތަށް އަމަލުކުރާނެ" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އަމީރަށް ފިޔަވަޅު ނާޅައިފިނަމަ ދެން އަންނަ ވަޒީރުންވެސް މިގޮތަށް އަމަލު ކުރުމުގެ ފުރުސަތު އޮތްކަމަށާއި އެހެންވެ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.
ގާނޫނު އަސާސީއަށް މި ދަރަނީގެ ބިލު ގެންނަން ޖެހޭކަމަށާއި މި ބަދަލު ގާނޫނު އަސާސީއަށް ގެނެސް އެ ގާނޫނަށް ބަދަލު ގެނެވޭނީ މުޅި މަޖިލީހުގެ އިއްތިފާގުން ފާސްކޮށްގެން ކަމަށް ބިލުގައި ހިމަނަން ޖެހޭ ކަމަށް ވެސް ސަލީމް ފާހަގަކުރެއްވި އެވެ.
"މިދިޔަ ފަސް އަހަރު ދިޔައީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބިލުން ހުރިހާ މާއްދާއެއް ސަސްޕެންޑުކޮށް، ހިތަށް އެރިގޮތަކަށް ފައިސާ ޗާޕުކުރަމުން، ފަސް އަހަރުގެ ނިޔަލަށް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މި ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީއާ އެކު ގައުމަށް ބަދަލުތަކެއް ގެނައުން މުހިންމު ކަމަށާއި، ހަމައެކަނި ގާނޫނަށް ގެންނަ ބަދަލަކުން ކަންކަން މުޅިން އިސްލާހު ނުވާނެ ކަމަށެވެ.
ކުރީގެ ސަރުކާރު ގެ ފަހަތުން ނުދުވެ ޤައުމު ހިންގަންވީ! ކޮންމެ ސަރުކާރަކުން ވެސް ދަރަނި ނަގާނެ، ކޮންމެ ސަރުކާރެއް ނިމޭއިރު ދަރަނި ވެސް ހުންނާނެ! ސަލީމުމެން ކޮވިޑު ގެ ނާމާން ކަމާއި ބިރުވެރިކަން ހަނދާން ނެތުނީ ހާދަ އަވަހަކަށޭ ދޯ!
އެއީ މުޅިރާއްޖެ ދަރުވާލުމުގަ އެންމެ އިސްރޯލެއް އަދާކުރި އެކަކު.