ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން މުހިންމު ކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ އިމާރާތުގައި ކުރިއަށް ދިޔަ މި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަތީ ސާނަވީ މަރްހަލާގެ ކިޔެވުމަކީ އުމުރުގައި ދެ ވަނަ ފުރުސަތެއް ލިބޭ ކަމެއް ނޫންކަމުގައި ފާހަގަކުރައްވައި، މި ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަޤްބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި އެސެމްބްލީގައި ރައީސް ދެއްކެވި ވާހަކަފުޅު ފެށްޓެވީ، މީގެ ތިރީހަކަށް އަހަރު ކުރީން, ސީއެޗްއެސްސީގައި (އޭރުގެ އެސްއީސީގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުންނެވެ.

ސީއެޗްއެސްއީ އަށް 45 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވުމަށް ރައީސް މުއިއްޒު ސީއެޗްއެސްއީއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ...

ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިތުރަށް ވިދާޅުވީ، ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަން ވާނެކަމަށެވެ. ކޮންމެ ކުއްޖަކަށް ވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ހިދުމަތަށް އިސްކަންދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ބާރުއެޅުއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވެސް އެމަނިކުފާނު ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކާމިޔާބު ހާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ އަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ތަކުރާރުކުރައްވައިފަ އެވެ.