މާތް ﷲ ގެ ރަޙްމަތްފުޅުން އެ އިލާހު ވަނީ ބައެއް ދުވަސްތަކާއި މައްސަރުތަކާއި ތަންތަން މާތްކުރައްވައި މަތިވެރިކުރައްވައިފައެވެ. އަދި އޭގެ އިތުރުން، އެ އިލާހުގެ ފަޟްލުވަންތަވެރިކަމުން އެ ދުވަސްތަކާއި އެ މައްސަރުތަކާއި އެ ތަންތަނުގައި ކުރެވޭ ހެޔޮ ޢަމަލުގެ ސަވާބާއި ދަރުމަ ވެސް އެތައް ގުނައަކަށް އިތުރުކުރައްވައިފައެވެ.
އެގޮތުން ބަލާއިރު، މައްސަރުތަކުގެ ތެރެއިން މުޙައްރަމް މަހަކީ ވަރަށް މާތް މަތިވެރިކަމެއް ދެއްވައިފައިވާ މައްސަރެކެވެ.
މުޙައްރަމް މަހަކީ ކޮބާ؟
މުޙައްރަމް މަހަކީ ހިޖުރީ ސަނަތުން އަހަރު ފެށޭ މަހެވެ. އެއްވަނަ މަހެވެ. ޤަދީމީ ޒަމާނުގައި ޢަރަބީން މި މަހަށް ކިޔައިއުޅުނީ "ޞަފަރު އަލްއައްވަލް" އެވެ. އެބަހީ، ފުރަތަމަ ޞަފަރެވެ. "ޞަފަރު" މަހުގެ ނަމުން މިހާރު ނަން ދެވިފައިވާ އޭރުގެ "ޞަފަރު އައްޘާނީ" އަށެވެ. އެބަހީ، ދެވަނަ ޞަފަރެވެ. ބުނެވޭ ގޮތުން، "ޞަފަރު އަލްއައްވަލް" އަށް "މުޙައްރަމް" މި ނަން ދެވުނީ، އެ މަހަކީ ޖާހިލިއްޔަ ޒަމާނުގައި ވެސް ހަނގުރާމަކުރުން މަނާކުރެވިފައިވާ އަދި ޙުރުމަތްތެރި މައްސަރުތަކުގެ ތެރެއިން މަހެއް ކަމުގައި އެބައިމީހުން ބަލާ މަހަކަށް ވުމާއި، "މުޙައްރަމް"ގެ ނަމުން އެ މަސް ސިފަކުރެވެމުން ދިޔުމުގެ ސަބަބުންނެވެ.
މުޙައްރަމް މަހުގެ މާތްކަން:
ކުރީން ދެންނެވިފައިވާނޭ ފަދައިން، މުޙައްރަމް މަހަކީ މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. މަހެއް ޙުރުމަތްތެރިކުރެއްވުމުގެ މާނައަކީ، އެ މަހުގައި ލޭއޮހޮރުވުމާއި އިސްވެ ހަނގުރާމަކުރުން މަނާކުރައްވައިފައިވުމެވެ. އެހެން ނަމަވެސް، ބަޔަކު އިސްވެ މުސްލިމުންނާ ހަނގުރާމަކުރާ ނަމަ، ދިފާޢުގައި އެ ބަޔަކާ ހަނގުރާމަކުރުން މީގެ ތެރެޔަކު ނުހިމެނެއެވެ.
މާތް ﷲ، ތައުބާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.
إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ ﴿٣٦﴾
މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވައިފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ އަދަދަކީ، ﷲ ގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެ ތެރެއިން، ހަތަރު މަސް، ޙުރުމަތްތެރިވެގެންވެއެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހައި މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެން ވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤްވާވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!"
މި އާޔަތުގައި އިޝާރާތްކުރައްވައިފައި މިވާ ޙުރުމަތްތެރިވެގެންވާ ހަތަރު މަހަކީ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހާއި ރަޖަބު މަހެވެ. އަދި މުޝްރިކުން މުސްލިމުންނާ ހަނގުރާމަކުރުމުގައި ދެމިތިބިހައި ހިނދަކު އެބައިމީހުންނާ މި މަސްތަކުގައި ވެސް ހަނގުރާމަކުރުމަކީ ހުއްދަކުރައްވައިފައިވާ ކަމެއްކަން އެނގެއެވެ.
ޙުރުމަތްތެރިވެގެންވާ ހަތަރު މަހަކީ އިސްވެ ދެންނެވި ހަތަރު މަސްކަން ބަޔާންކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ.
السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلَاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ (البخاري: 2958)
މާނައީ: "އަހަރެއްގައި އޮންނަނީ ބާރަ މަހެވެ. އޭގެ ތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ތިން މަސް އަންނަނީ ޖެހިޖެހިގެންނެވެ. އެއީ ޛުލްޤަޢިދާ އާއި ޛުލްޙިއްޖާއާއި މުޙައްރަމެވެ. ދެން އޮތީ ޖުމާދަލްއާޚިރާ މަހާއި ޝަޢްބާން މަހާ ދެމެދުގައިވާ "މުޟަރު" އޭ ކިޔުނު ރަޖަބު މަހެވެ."
މުޙައްރަމް މަހު ރޯދަހިފުމުގެ މާތްކަން:
މައްސަރެއްގެ ގޮތުން ރަމަޟާން މަސް ނަގައިފައި ދެން ރޯދަހިފުން އެންމެ މޮޅު އިތުރު މަހަކީ މުޙައްރަމް މަހެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ.
أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ . (رواه مسلم 1982)
މާނައީ: "ރަމަޟާން މަސް ފިޔަވައި ދެން އެ މަހެއްގައި ރޯދަ ހިފުން އެންމެ މާތްވެގެންވަނީ މުޙައްރަމް މަހުގައެވެ."
މި ޙަދީޘްގައި "شهر الله المحرم" (މާތް ﷲ މުޙައްރަމް މަސް) އޭ އޮތީ އެ މަހުގެ މަތިވެރިކަން ބަޔާންކުރެއްވުމުގެ ގޮތުންނެވެ. އެހެނީ، ހުރިހާ މައްސަރަކީ ވެސް މާތް ﷲ ލައްވައިފައިވާ މައްސަރުތަކެކެވެ. ނަމަވެސް މި ގޮތަށް ޙަދީޘްގައި އައިސްފައިވުމުން ދޭހަކޮށްދެނީ، މި މަހުގެ ޝަރަފުވެރިކަމެވެ. އެހެންކަމުން، ޢިލްމުވެރީން މިފަދަ ނިސްބަތްކުރެއްވުންތަކަށް ވިދާޅުވަނީ، އެއީ إضافة تعظيم އާއި إضافة تشريف ކަމުގައެވެ. އެބަހީ، މަތިވެރިކުރެއްވުމާއި ޝަރަފުވެރިކުރެއްވުމުގެ ނިސްބަތްކުރެއްވުމެކެވެ.
މި ޙަދީޘުން ދެން ދޭހަވަނީ، މުޅި މުޙައްރަމް މަސް އެއްކޮށް ރޯދަ ހިފުމުގެ މަތިވެރިކަމެވެ. އެހެން ނަމަވެސް އެއީ އެކަލޭގެފާނުގެ މުރާދުފުޅު ނޫންކަން އެނގެނީ، އެކަލޭގެފާނު ރޯދަ މަސް ފިޔަވައި އެގޮތަށް އެއްކޮށް ރޯދަ ހިއްޕަވައިފައި ނުވުމެވެ. އެހެންކަމުން، މި ޙަދީޘްގެ މުރާދަކީ، ރޯދަ މަސް ފިޔަވައި މަހެއްގެ ގޮތުން ދެން އެންމެ ގިނައިން ރޯދަހިފުން މަތިވެރިވެގެންވަނީ މުޙައްރަމް މަހުގައި ކަމެވެ. އަދި މި ޙަދީޘުން ބާރު ލިބެނީ، މުޙައްރަމް މަހުގައި ވީހައި ވެސް ގިނައިން ރޯދަ ހިފޭތޯ މަސައްކަތްކުރުން ކަމެވެ.
ހަމަ އެހެންމެ، ޝަޢުބާން މަހުގައި ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ صلى الله عليه وسلم، ވަރަށް ގިނައިން ރޯދަފުޅު ހިއްޕެވިކަމަށް ވާރިދުވެފައިވެއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުން، އެއީ މުޙައްރަމް މަހުގެ ރޯދައިގެ މަތިވެރިކަން ބަޔާންކުރެއްވުމުގެ ކުރީން ކަމަށް ވެދާނެއެވެ. މިފަދައިން ނަވަވީ އިމާމު ޞަޙީޙު މުސްލިމުގެ ޝަރަޙައިގައި ބަޔާންކުރައްވައިފައިވެއެވެ.
ޢާޝޫރާ ދުވަހުގެ ރޯދައާއި އެ ރޯދައިގެ މަތިވެރިކަން:
މުޙައްރަމް މަހުގައި ދިމާވާ އެންމެ މަތިވެރި އެއް އަޅުކަމަކީ، ޢާޝޫރާ ދުވަހުގެ ރޯދައެވެ. ޢާޝޫރާ ދުވަހަކީ، މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ.
މި ދުވަހަކީ ޔަހޫދީން ރޯދަހިފައި އުޅުނު ދުވަހެކެވެ. އެބައިމީހުން އެ ކަން ކޮށް އުޅުނީ، އެއީ ފިރްޢައުނުގެ ކިބައިން މޫސާގެފާނާއި ބަނޫ އިސްރާއީލްގެ މީހުން ސަލަމާތްވެ، ފިރުޢައުނާއި އޭނާގެ ސިފައިންތައް ޣަރަޤުވެ ނެތި ހަލާކުވެގެން ދިޔަ ދުވަސްކަމަށް ވެފައި، ކޮންމެ އަހަރަކު އެ ދުވަހު މޫސާގެފާނު މާތް ﷲ އަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހިއްޕެވި ރޯދައެއްކަމުން، އެކަލޭގެފާނަށް ތަބާވުމުގެ ގޮތުންނެވެ.
ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވުމުން ޔަހޫދީންގެ މި ޢަމަލު ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ. އެބައިމީހުން އެ ކަން ކުރާ ގޮތް ހާމަކުރުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. نَحْنُ أَحَقُ وَأَولَى بِمُوسَى مِنْكُمْ، ތިޔަބައިމީހުންނަށް ވުރެ މޫސާގެފާނުގެ މައްޗަށް އައުލާކަމާއި ޙައްޤުކަން ބޮޑީ އަހުރެމެންނެވެ. ދެން ޞަޙާބީ ބޭކަލުންނަށް އެ ދުވަހު ރޯދަހިއްޕެވުމަށް އިރުޝާދު ދެއްވިއެވެ. އަދި އެކަލޭގެފާނު ވެސް ޢާޝޫރާ ދުވަހުގައި ރޯދަ ހިއްޕެވިއެވެ. (متفق عليه)
ހަމަ އެފަދައިން، ބުޚާރީގައި މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. "ރަމަޟާން މަހުގެ ރޯދައާއި ޢާޝޫރާ ދުވަހުގެ ރޯދައަށް ސަމާލުކަން ދެއްވި މިންވަރަށް، މަތިވެރިވެގެންވާ އެހެން ރޯދައަކަށް ނަބިއްޔާ صلى الله عليه وسلم ސަމާލުކަން ދެއްވިތަނެއް ތިމަން ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ." (ބުޚާރީ، 1867) މި ޙަދީޘްގެ މުރާދަކީ، އެ ރޯދަތަކެއް ސަވާބާއި ދަރުމަ ހޯއްދެއްވުމަށް އެކަލޭގެފާނު އެންމެ ބޮޑަށް މަސައްކަތްކުރެއްވި ރޯދައަކީ ރަމަޟާން މަހުގެ ރޯދައަށްފަހު ޢާޝޫރާ ދުވަހުގެ ރޯދަކަމެވެ.
ދެން ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމަށް ބަލާއިރު ފެންނަނީ، އެ ރޯދައަކީ އިސްވެދިޔަ އަހަރުގެ ފާފަތައް ފުހެލާ ރޯދައެއްގެ ގޮތުގައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. "وصيام يوم عاشوراء أحتسب على الله أن يكفر السنة التي قبله" (مسلم، 1162) މާނައީ: "ޢާޝޫރާ ދުވަހުގެ ރޯދައިން، ފާއިތުވެވެދިޔަ އަހަރުގެ ފާފަތައް، އެ ރޯދަ ހިފާ އަޅުންނަށް މާތް ﷲ ފުއްސަވައިދެއްވާނޭކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."
ޢިލްމުވެރީން ވިދާޅުވަނީ، މި ތަނުގައި އެކަލޭގެފާނު "އުންމީދު ކުރައްވަމޭ" ޙަދީޘްކުރައްވައިފައިވުމުން، މާތް ﷲ އެ ކަލޭގެފާނުގެ އެ އުންމީދު ފުރިހަމަކޮށްދެއްވާނޭ ކަމެވެ. އެހެންކަމުން، އެ ދުވަހުގެ ރޯދައިގެ ސަވާބާއި ދަރުމައަކީ ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނޭ ސަވާބާއި ދަރުމައެވެ.
ޢާޝޫރާ ދުވަހުގެ ރޯދަހިފުމުގެ އެންމެ މޮޅުއިތުރު ގޮތަކީ ކޮބާ؟
ޢާޝޫރާ ދުވަހުގެ ރޯދަ، ހަމައެކަނި މުޙައްރަމް މަހުގެ ދިހަވަނަ ދުވަހު ހިފުމުގެ ބަދަލުގައި އެ ދުވަހަށް އެއް ދުވަސް އިތުރުކުރެއްވުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޞަޙާބީ ބޭކަލުންނަށް އިރުޝާދުދެއްވައިފައެވެ.
އެ ގޮތުން، އެ ދުވަހުގެ ކުރިޔަށް ނުވަތަ ފަހަތަށް އެއް ދުވަސް އިތުރުކޮށްފައި ރޯދަ ހިފުމަށް ވަނީ އަންގަވައިފައެވެ. މާނައީ، ޢާޝޫރާ ދުވަހު ރޯދަހިފާ މީހަކު ނަމަ، މުޙައްރަމް މަހުގެ 9 ވަނަ ދުވަހުގައްޔާއި 10 ވަނަ ދުވަހު ރޯދަހިފުމެވެ. ނޫނީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުގައްޔާއި 11 ވަނަދުވަހު ރޯދަހިފުމެވެ. މި ދެ ގޮތުން ކުރެ ކޮންމެ ގޮތެއްގައި ވެސް އެ މީހަކަށް ރޯދަ ހިފިދާނެއެވެ. މި ގޮތަށް އެއް ދުވަސް އިތުރުކުރުމަށް އެކަލޭގެފާނު އަމުރުފުޅުކުރެއްވި ޙިކުމަތަކީ ޔަހޫދީންނާ ޚިލާފުވުމެވެ.
އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވެއެވެ. "صوموا يوم عاشوراء، وخالفوا فيه اليهود، صوموا قبله يوماً أو بعده يوماً" (مسند الإمام أحمد، 2155) މާނައީ: "ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި އެ ކަމުގައި ޔަހޫދީންނާ ޚިލާފުވާށެވެ. ތިޔަބައިމީހުން އެ ދުވަހުގެ ކުރިޔަށް ނުވަތަ އެ ދުވަހުގެ ފަހަށް އެއްދުވަހު ރޯދަހިފާށެވެ."
މި ޙަދީޘް މިހެން އޮތުމުން ބައެއް ޢިލްމުވެރީން ދެކިލައްވާ ގޮތުން، ޢާޝޫރާ ދުވަހު ރޯދަހިފުން އެންމެ މަތިވެރިވެގެންވާ ގޮތަކީ އެ ދުވަހުގެ ކުރިޔަށާއި ފަހަތަށް އެއް ދުވަސް ލައިފައި، 3 ދުވަހު ރޯދަހިފުމެވެ. މާނައީ، މުޙައްރަމް މަހުގެ 9 ވަނަ ދުވަހުގައްޔާއި، 10 ވަނަ ދުވަހުގައްޔާއި، 11 ވަނަ ދުވަހު ރޯދަހިފުމެވެ. އަނެއްބައި ޢިލްމުވެރީން ދެކިލައްވާ ގޮތުގައި، މުޙައްރަމް މަހުގެ 9 ވަނަ ދުވަހުގައްޔާއި، 10 ވަނަ ދުވަހު ރޯދަހިފުމަކީ އެންމެ މަތިވެރި ގޮތެވެ. އަދި އަނެއްބައި ޢިލްމުވެރީން އަރިހުގައި 10 ވަނަ ދުވަހުގައްޔާއި، 11 ވަނަ ދުވަހު ރޯދަހިފުން މަތިވެރިވެގެންވެއެވެ. ކޮންމެއަކަސް ބޭނުމަކީ، މި ދުވަހުގެ ރޯދައިގެ ސަވާބާއި ދަރުމަ ލިބިގަތުމެވެ. އަދި މުޙައްރަމް މަހުގެ މަތިވެރިކަމާއި ޙުރުމަތްތެރިކަމުގެ ސަވާބާއި ދަރުމަ ލިބިގަތުމެވެ.
ދުޢާއަކީ މާތް ﷲ މުޙައްރަމް މަހުގައި ރޯދަހިފުމާއި އެ މަހަށް ދޭންވާ ޤަދަރާއި މަތިވެރިކަން އަދާކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވައި، ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަވާބާއި ދަރުމަ އަޅަމެންނަށް މިންވަރުކޮށްދެއްވުމެވެ. وآخر دعوانا أن الحمد لله رب العالمين.