މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އޭނާގެ އަންހެނުން އެކްޓަރު އަނުޝްކާ ޝަރްމާ ވެސް ދިރިއުޅުން އެހެން ގައުމަކަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.
ވިރާޓް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން ރިޓަޔާ ކުރަން ކައިރިވެފައިވާއިރު، އިންޑިއާ ދޫކޮށް އިނގިރޭސިވިލާތުގެ ލަންޑަނަށް އޭނާގެ ދިރިއުޅުން ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ސަބަބަކަށް ވަނީ އެ ދެމަފިރިންގެ ދަރިންނަށް އާއްމު ދިރިއުޅުމެއް ދޭން ބޭނުންވުން ކަމަށާއި އިންޑިއާގެ ގިނަ މީހުންނަށް އެއީ ކޮން ބައެއްކަން އެނގޭތީ އާއްމު ދިރިއުޅުމެއް އުޅެން އުނދަގޫވުން ކަމަށް ހަބަރުތައް ބުނެ އެވެ.
މި ގޮތަށް ވާހަކަ ދައްކަމުން ވިރާޓް މީގެ ކުރިން ބުނެފައިވަނީ އޭނާއަކީ ކާކުކަން ނޭނގި މަގުމަތީގައި އުޅެވޭ ތަނެއްގައި ދިރިއުޅުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.
"އާދައިގެ ދިރިއުޅުމެއް އުޅެން ދެ މަހެއްހާ ދުވަހު އަހަރުމެން އިންޑިއާއިން ބޭރުގައި އުޅުނިން. އެ ތަޖުރިބާ ވެގެންދިޔައީ ވަރަށް ގަބޫލު ކުރަން ދަތި ތަޖުރިބާއަކަށް،" ވިރާޓް ބުންޏެވެ.
އަނުޝްކާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރަކަށް ވީ ނަމަވެސް މިފަހުން އޭނާ އެއްވެސް ފިލްމަކަށް ސޮއިކޮށްފައި ނުވާތީ މި އަޑުތަކަކީ ހަގީގަތަކަށް ވެދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
މި ދެމަފިރިންގެ އިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ކައިވެންޏަށްފަހު އިންޑިއާ ދޫކޮށް އެހެން ގައުމުތަަކަށް ހިޖުރަކޮށްފަ އެވެ.