ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެކި ކަހަލަ ފިލްމުތަކަށް ވެސް ކުޅަދާނަ އެކްޓަރެކެވެ. އޭނާގެ ފިލްމީ ހަޔާތުގައި ހެއްވާ މަޖާ ފިލްމުތަކުގެ އިތުރުން ލޯބީގެ ފިލްމުތައް ވެސް ކުޅެފައިވެ އެވެ.
އަޖޭއަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އެކްޓަރަކަށް ވީ ނަމަވެސް އޭނާގެ ފިލްމުތަކަށާއި އެކްޓިންއަށް ފާޑުކިޔާ މީހުން ވެސް އުޅެ އެވެ. އެގޮތުން އެކްސްގައި މީހަކު ވަނީ އަޖޭއަކީ އެކްޓް ކުރާއިރު މޫނުމަތިން އެއްވެސް ކަހަލަ ޖަޒުބާތެއް ނުފެންނަ ކަމަށް ބުނެފަ އެވެ.
އެމީހާ އިތުރަށް ބުނީ ޝާހްރުކް ޚާންއާއި ސަލްމާން ޚާންގެ ފިލްމުތަކުން ކުރާ ކަހަލަ އަސަރެއް އަޖޭގެ ފިލްމުތަކުން އެއްވެސް ވަރަކަށް ނުކުރާ ކަމަށެވެ.
އެއާއެކު އަޖޭއަށް ތާއީދުކުރާ އޭނާގެ ސަޕޯޓަރުން މިވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ. އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ގިނަ ބަޔަކު އަންނަނީ އަޖޭއަށާއި އޭނާގެ ހުނަރަށް ތައުރީފު ކުުރަމުންނެވެ.
އެގޮތުން އަޖޭއަކީ ކޮންމެ ކަހަލަ ފިލްމަކަށް ވެސް އެކަށޭނަ ހުނަރުވެރި އެކްޓަރެއް ކަމަށާއި އޭނާއަށް ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވާކަން އެމީހުން ފާހަގަ ކޮށްފައިވެ އެވެ.
އަޖޭ ބޮލީވުޑްގައި 30 އަށްވުރެ ގިނަ އަހަރު ހޭދަކޮށްފައިވާއިރު 120 ފިލްމުގައި ފެނިގެން ގޮސްފައިވެ އެވެ. އޭގެ ތެރޭގައި "ގޯލްމާލް" ފްރެންޗައިޒްގެ ކާމިޔާބު ފިލްމުތައް ފާހަގަކުރެވެ އެވެ.