މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ތިން މީހަކު ހާޒިރުކޮށްފައިވެ އެވެ. އެއީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތިން މީހުންނަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓައިގެން ގެންގުޅުމުގެ ތުހުމަތެވެ.

މި ތިން މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ މި ތިން މީހުންނާ ދެކޮޅަށް ވެސް އެކަށޭނަ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގު ބަޔާންތަކާއި ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓާއި އެނޫންވެސް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މި ތިން މީހުން ވެސް ބުނެފައިވަނީ، މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަކީ އެމީހުންނާއެކު މަސައްކަތްކުރި މީހެއް ކަމަށާއި އެމީހާ ރަހީނު ކޮށްފައި ނުވާ ކަމަށެވެ. އަދި އިނގިލި ބުރި ނުކުރާ ކަމަށާއި، ޕަވަޓޫލެއް ބޭނުންކުރަނިކޮށް އަނިޔާ ލިބުނީ ކަމަށް ވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ބުނެފައިވެ އެވެ. މި ތިން މީހުން ވެސް ވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.

އެހެންނަމަވެސް އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކަށް ބަލާއިރު ޖިސްމާނީ އަނިޔާ ގަސްދުގައި ދީފައިވާކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.

މި މައްސަލައިގައި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމަރުކޮށްފައިވާއިރު، މައްސަލައިގެ ތަހުގީގު ވީއެންމެ އަވަހަކަށް ނިންމުމަށްފަހު ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅަންވާނެކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.